އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ދެ ވަނަ ބުރު ބާއްވާނެ ކަމަށް ބައެއް މީޑިއަމްތަކުން ފަތުރާ ހަބަރު އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ދޮގު ކުރައްވައިފި އެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަން ދެންމެ ސަން އަށް ވިދާޅުވީ އެ ބޭފުޅުންގެ ނިންމެވުމަކީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލު ކުރެއްވުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުން އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައި ނުވާނެ ކަމަށެވެ.

ފަޔާޒާ ދެ ވަނަ ފަހަރަށް ގުޅުމުން ވެސް ވިދާޅުވީ އެ ކޮމިޝަންގެ ސްޓޭންޑަކީ އިއްޔެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ކުރިފުޅުމަތީގައި އިއުތިރާފުވި ގޮތަށް ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މަތީން އިންތިހާބު ބޭއްވުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ފަސް މެންބަރުންގެ ކޮމިޝަނުން އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ވެސް ނިންމާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދައްކަވާ ވާހަކަފުޅަށް ޒިންމާވާނީ އެ ބޭފުޅާ ކަމަށާއި ކޮމިޝަނުން އެ ގޮތަށް ނިންމާފައި ނުވާނެ ކަމަށެވެ. ފަޔާޒު ވިދާޅުވީ ހޮނިހިރު ދުވަހު އިންތިހާބު ބާއްވާނެ ކަމަށް ރިއުމާ ފެތުރުމުން އޭނާ ކޮމިޝަނުގެ ރައީސާ ގުޅުއްވި ކަމަށާއި އަދި ކޮމިޝަންގެ ރައީސް އޭނާ އަރިހު ވިދާޅުވީ "ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވޭތޯ މަސައްކަތް ކުރައްވާ" ވާހަކަ ކަމަށެވެ.

ސަން އިން ފުއާދު ތައުފީގާ ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލު ޑރ. ހަސަން ސައީދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފުއާދު ތައުފީގު ވިދާޅުވީ ސުޕްރީމްކޯޓުގެ އަމުރާ ޚިލާފަށް އިންތިޚާބު ނުބާއްވާނެ ކަމަށެވެ. ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް ސުޕްރީމް ކޯޓުގެ ހުކުމެއް އަތުވެދާނެ ކަމަށް ބަލައި އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހަތް ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ފުވާދު ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފައި ވަނީ "ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް... އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފިން" ކަމަށެވެ.