24 Nov 2010, 07:00
ހުޅުމާލޭ ފަޅުތެރޭގައި އޮތް ބޯޓުން ގެއްލުނު މީހާ ހުޅުމާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް މިފްކޯގެ މަސްބޯޓް، "ސިންދިތާ 702"އިން ރޭ ދަންވަރު ގެއްލުނު ގދ. ފިޔޯރީ މުކުރިގެ އަހުމަދު ޒަހީން،24، މަރުވެފައި އޮއްވައި ފެނުނީ މިއަދު 11:40 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަހުމަދު ޒަހީން ފަޅުތަރޭގައި މަރުވެފައި އޮއްވައި ފެނުނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނާއި ކުރުނބާ މޯލްޑިވްސްގެ ޑައިވަރުންނާއި އޭނާގެ އާއިލާ އިން ހޯދަމުން ދަނިކޮށެވެ.
ގެއްލުނު މީހައަކީ ފިޓް ޖެހުމުގެ މައްސަލަ ހުންނަ މީހެއް ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މިހާ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ އޭނާ މަސައްކަތް ކުރާ ބޯޓްގެ ޑިއުޓީއަށް ނައުމުން، ބޯޓުގެ ފަޅުވެރިން އޭނާ އަށް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދިނުމާ އެކު، ބޯޓުތެރެ ބެލިބެލުމުން ބޯޓުތެރޭގައި އޭނާގެ ފޯނާއި އެހެނިހެން ސާމާނު ހުއްޓައި ފެނިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އޭނާ އެންމެ ފަހުން އެ ބޯޓް ތެރެއިން ފެނިފައިވަނީ ރޭ އަށެއްޖަހާ އެހާކަން ހާއިރު ކަމަށާއި އޭނާ ހުޅުމާލޭ ފަޅުތެރެއަށް ވެއްޓުނު ސަބަބެއް ނޭނގޭ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
--------------
ހުޅުމާލޭ ފަޅުތެރޭގައި އޮތް މަސް ބޯޓަކުން ރޭ ގެއްލުނު ދިވެއްސަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް މިފްކޯގެ މަސްބޯޓް، "ސިންދިތާ 702"އިން ގެއްލިފައި ވަނީ ގދ. ފިޔޯރީ މުކުރިގެ އަހުމަދު ޒަހީން ކަމަށާއި އެ މީހާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައި ވަނީ ރޭ މެންދަމުން އަލިވެ ތިނެއް ޖަހާ އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ މިހާ ހޯދުމުގެ މަސައްކަތް ހުޅުމާލެ ފަޅުތެރޭގައި ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދާ އިރު، އެ މީހާގެ އާއިލާ އިން ވެސް އެ މަސައްކަތްދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު މީހައަކީ ފިޓް ޖެހުމުގެ މައްސަލަ ހުންނަ މީހެއް ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވި އެވެ.
އެ މިހާ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ އޭނާ މަސައްކަތް ކުރާ ބޯޓްގެ ޑިއުޓީއަށް ނައުމުން، ބޯޓުގެ ފަޅުވެރިން އޭނާ އަށް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދިނުމާ އެކު، ބޯޓުތެރެ ބެލިބެލުމުން ބޯޓުތެރޭގައި އޭނާގެ ފޯނާއި އެހެނިހެން ސާމާނު ހުއްޓައި ފެނިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ އެންމެ ފަހުން ބޯޓު ތެރެއިން ފެނިފައި ވަނީ ރޭ އަށެއް ޖަހާ އެހާކަން ހާއިރު ކަމަށް އެ ބޯޓުން ބުނާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.