26 Sep 2013, 18:18
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު)ގެ ދެ ކާޑު މީހެއްގެ އަތުގައި ތަފާތު ދެ އެޑްރެހެއްގައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމާށާއި ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް އޮންނާނީ އެއް ނަމްބަރެއްގެ ކާޑެއް ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފި އެވެ.
ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯމަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަރަމަ ބުރުގައި ދިމާވެފައިވާ ކަމަށް ބުނާ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން އެ ޑިޕާޓްމަންޓް ބަދުނާމުވާ ފަދަ ގޮތަކަށް ވާހަކަތައް ދައްކަމުން ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުން ބައެއް މީހުންނަށް ދެ ކާޑު ހަދައިދޭ ކަމަށް ބުނެ ދެކެވެމުން ގެންދާ ވާހަކައެއް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
"އެއްކެއްގެ އަތުގައި އެއް ނަމްބަރެއްގެ ދެ އެޑްރެހުގައި އޮތް ދެ ކަޑު އޮތުމަކީ ވެދާނެ ކަމެކެވެ. މިހެންދިމާވަނީ އެޑްރެސް ބަދަލުވެގެން ކާޑު ހަދަން ހުށަހަޅާ އިރު ކުރީގެ ކާޑު ގެއްލިފައިވާ ކަމަށް ބުނެ ކާޑު ހުށަހެޅުމުން، އެކާޑު ކެންސަލްކުރެވޭނެ ގޮތް ނުވުމުންނެވެ،" ޑީއެންއާރުގެ ބަޔާނުގައިވެ އެވެ.
އެ ޑިޕާޓްމަންޓުން ބުނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ދާއިމީ އެޑްރެސް ކަމުގައި ލިޔަނީ އެމީހަކު ރަޖިސްޓްރީވެފައިވާ ރަށެއްގެ ގެއެއްގެ ނަމެއް ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނަމަ ދަފްތަރުގެ ނަމްބަރު ކަމަށެވެ.
"ރާއްޖެއަކީ އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުވުން ގިނަ ތަނެކެވެ. މިކަމުގެ ސަބަބުން އެކަކު ދެ ތަނެއްގައި ރަޖިސްޓްރީވެފައި އެބަ އޮވެ އެވެ. ނަމަވެސް މި ޑިޕާޓްމަންޓުން ކާޑު ހަދައިދެނީ އެންމެ ފަހުން އެމީހަކު ރަޖިސްޓްރީ ވެފައިވާ އެޑްރެހުގަ އެވެ. އަދި އެމީހަކު ކުރިން ރަޖިސްޓްރީވެފައިވާ ރަށަށް އެކަން އަންގަމުން ވެސް ގެންދަމެވެ،" ޑީއެންއާރުގެ ބަޔާނުގައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެކަކަށް ދެ ނަމްބަރެއްގައި އެއް އައިޑީކާޑެއް ދޫކޮށްފައިނުވާ ކަމަށް ވިދާޅުވެފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީއަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ އެކަކު އަތުގައި ދެ ނަމްބަރެއްގެ އައިޑީކާޑުތަކެއް ހުރި ކަމުގެ އެތައް މައްސަލަތަކެއް ވޯޓާސް ރަޖިސްޓްރީ ޗެކްރި އިރު ވެސް ދިމާވެފައިވާ ކަމަށެވެ.
ސޯޝަލް ނެޓްވޯކްގައި ލީކްކޮށްލައިފައިވާ ވީޑިއޯ:
https://www.youtube.com/watch?v=7_HzLTsA4d0&feature=youtube_gdata_player
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކޮށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އިރު އެ ޕާޓީން ވެސް ވަނީ އައިޑީކާޑުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ކޮށްފައިވާ ދިރާސާ ރިޕޯޓަކުން ވެސް އައިޑީކާޑުގެ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޑީއެންއާރު އިން އައިޑީކާޑު ދޫކޮށްފައިނުވާ 1865 މީހަކު ވޯޓާސް ރަޖިސްޓްރީގައި ހިމެނިފައިވާ މައްސަލައަކާ މި އަހަރުގެ މެދުތެރޭގައި ރާއްޖެ އިން ބޭރުގައި ބަޔަކު އައިޑީކާޑުތަކެއް ހެއްދި ކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަން ބަޔާންކޮށްފައިވެ އެވެ. އަދި ޑީއެންއާރުގެ ޑޭޓާ ބޭސްގައިވާ އެޑްރެހާއި އިލެކްޝަންސްގެ އެޑްރެހާއި ދިމާނުވާ 10020 މީހެއް ލިސްޓްގައި ހިމެނިފައިވާކަން އިންޓެލިޖެންސްގެ ޑޮކިއުމަންޓުގައިވެ އެވެ.