ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން ޕީޕީއެމްގެ ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމް ވަނީ ތިން ކަމަކަށް އެދިވަޑައިގެންފަ އެވެ.

އެގޮތުން ވޯޓު ކަރުދާސްތައް ޗާޕް ކުރާ ހިސާބުން ފެށިގެން ވޯޓު ފޮށިތަކާ ހަމައަށް ގެންދާ އިރު ގައްޔާއި އަދި ވޯޓުލާ ނިމިގެން އިލެކްޝަންސް ކޮމިޝަނަށް ވޯޓު ކަރުދާސްތައް ގެންދާ އިރު ސަލާމަތާއި ރައްކާތެރިކަމާ އެކު އެކަން ކުރުމަށާއި އެކަމުގައި އެއްވެސް ކަހަލަ މަކަރާއި ހީލަތެއް ހެދިގެން ނުވާނެކަން ކަށަވަރު ކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ވެސް ޒަނީން ވަނީ އެދިވަޑައިގެންފަ އެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން ވޯޓުލާ މީހުންގެ ލިސްޓުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ދެ ހަފްތާގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށް ލާޒިމްކޮށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ ނަމާއި ސޮއި އަދި އިނގިލީގެ ނިޝާން ޖެހުމަކީ ލާޒިމްކަމެއް ކަމަށް ކަނޑައަޅައި ކޯޓު އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ޒަނީން ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގައި 18 އަހަރުން ދަށުގެ ކުދީންގެ ނަން ހުރިކަށާއި އަދި 18 އަހަރު ނުފުރެނީސް އުފަންތާރީޚު ބަދަލުކޮށް އުމުރު ހަމަވިކަމަށް ލިސްޓުގައި ނަން ހިމަނާފައިވާކަން ކަށަވަރުވާ ކަމަށެވެ.

އެގޮތަށް އަމަލުކޮށްފައި ވަނީ ގަސްދުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަން ފުރަތަމަ ބުރުގެ ކަންތައް ހިނގާފައިވާ ގޮތުން ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމުގެ ކުރިން ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ ގައިޑުލައިންތަކާ އިލެކްޝަންސް ކޮމިޝަނުން ޚިލާފުވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސައިން ސިރާޖު ވިދާޅުވީ އިންތިޚާބު ބޭއްވުމުގެ ކުރިން ވަކި މުއްދަތެއްގެ ތެރޭގައި ކަންތައްތަކެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގާނޫނު ލާޒިމް ކުރާ ކަމަށެވެ.

މިހާރު ގާނޫނީ އޮނިގަނޑު އޮތްގޮތުން ޕީޕީއެމްގެ ފަރާތުން އެދިފައިވާ އަމުރުތަކަކީ ނެރެވިދާނެ އަމުރުތަކެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ސިރާޖު ވަނީ އެދިވަޑައިގެންފަ އެވެ.