26 Sep 2013, 17:27
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ ވަކި ގޮތަކަށް "ލޭބަލްކޮށް" ޗެނަލްތަކުން ފޮޓޯ ދައްކާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައި ނިމެންދެން، އެފަދަ ފޮޓޯ ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އަންގައިފި އެވެ.
ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ ނުދެއްކުމަށް ބްރޯޑްކާސްޓަރުންނަށް މިއަދު އެންގިޔަސް، ބައެއް ޓީވީ ޗެނަލްތަކުން ދަނީ އެފަދަ ކޮންޓެންޓު ފޮނުވަމުންނެވެ.
ރާއްޖެ ޓީވީ އާންމު ކުރަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔަރު އަލީ ހަމީދާއި އަހުމަދު އަބުދުﷲ ދީދީ އާއި އަބުދުﷲ ސައީދުގެ އިތުރުން އާދަމް މުހައްމަދެވެ. އެ ހަތަރު ފަނޑިޔާރުންނަކީ އިންތިހާބު ފަސް ކުރުމަށް ނެރުނު އަމުރުގައި ސޮއި ކުރެއްވި ބޭފުޅުންނެވެ.
ދިއެފްއެމުން ޕްލަސްއިން އެ ފަނޑިޔާރުންގެ ފޮޓޯ ދައްކަމުން ދަނީ "ގާނޫނު އަސާސީގެ ހިމާޔަތުގައި ސޮއި ކުރެއްވި ފަނޑިޔާރުން"ގެ ލަގަބު ދެއްވަމުންނެވެ. އަދި "ވޯޓު އޮލުވާލި ކަމަށް ޕާޓީތަކުން ތުހުމަތު ކުރާ ތިން މެމްބަރުން" ކަމަށް ބުނެ، ދިއެފްއެމް ޕްލަސް އިން އިލެކްޝަންގެ ތިން މެންބަރެއްގެ ފޮޓޯ ދައްކަނީ އެކޮޅުކޮޅުންނެވެ. ދިއެފްއެމުން ދައްކާ ފޮޓޯ އިން ފެންނަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒާއި އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ފޮޓޯ އެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ ފޮޓޯ ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަނީ، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބި، ޤައުމުގެ މަސްލަހަތު ގެއްލެމުންދާ ގޮތަށް ކަމަށް ބުނެ ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
"އެކަން މި ކޮމިޝަނުން މިދަނީ ބަލަމުންނެވެ. ވީމާ، މި މައްސަލަތައް ބަލައި ނިމެންދެން މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އަންގަމެވެ." ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވަމުންދާ ދަނޑިވަޅެއްގައި އަމަން އަމާންކަން ގެއްލި ހަމަނުޖެހުމަކަށް ހިތްވަރު ލިބި ހަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.