ރިޔާސީ އިންތިހާބްގެ ދެވަނަ ބުރަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ފުލުހުންނަށް އަންގައިފި އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ސަން އަށް ވިދާޅުވީ އިންތިހާބާ ގުޅިގެން އިލެކްޝަންސް އިން ވަމުން ގެންދާ ތައްޔާރީތަކަށް ފުލުހުންގެ އެއްބާރުން ނުލިބޭ ކަމަށް ދެކެވެވުންގެންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ފުލުހުންގެ އިދާރާ އަށް ސިޓީއެއް މިއަދު ފޮނުއްވާފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަންތައް ހިނގަމުންދާކަމީ ކަންބޮޑުވެޑައިގެންނަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަނަށް އެއްބާރުލުން ނުދޭ ކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ސިޓީއެއް ވާނީ ފޮނުވައިފައި. އަޅުގަނޑުމެން ދެ ކަމަކަށް ވާނީ އެސިޓީގައި އެދިފައި. އެއީ އެކަމުގައި ފުލުހުން ދެކޭ ގޮތް ސާފުކުމަށާއި ގާނޫނީ ގޮތުން ފުލުހުން އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ އެއްބާރުލުން ދިނުމަކީ އިންޓަގްރިޓީން އެދޭ ކަމެއް ކަމަށް ވާތީ އެ އެއްބާރުލުން ދިނުމަށް ވެސް އެދިފައި ވާނީ،" ވަހީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވަން ޖެހޭނެ ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވާ އިރު ޖޭޕީން ހުށަހަޅައިފައިވާ އިންތިހާބީ މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން އިންތިހާބު ބޭއްވުން ފަސްކުރުމުގެ އަމުރެއް ނެރެފަ އެވެ.

ކޯޓުގެ އެހުކުމަށް ފަހު ފުލުހުން ވަނީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ހުއްޓައިލައިފަ އެވެ. ނަމަވެސް އިންތިހާބްގެ ތައްޔާރީތައް މަޑުޖައްސަން ހުކުމުގައި ބުނެފައިނުވާ ކަމަށް ބުނެ އިލެކްޝަނުން މިހާރު ވަނީ ހުރިހާ ރަށަކަށް ވޯޓް ފޮށިތައް ފޮނުވައި ނިންމައިފަ އެވެ. ނަމަވެސް އޭގެން ބައެއް ރަށްރަށުގައި ވޯޓް ފޮށިތައް ބަލަހައްޓަމުން ގެންދަނީ ފުލުހުން ނެތި އެވެ.