26 Sep 2013, 17:01
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވޯޓާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ދިނުން ފުލުހުން ހުއްޓާލައިފާ ވާތީ ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ސިފައިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައފި އެވެ.
މިނިވަން މުއައްސާތަކުގެ ކޮމެޓީން މުގައްރިރު އަހުމަދު ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން އެ ކޮމެޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"ސްޕްރީމް ކޯޓުގެ އަމަރުގަ އޮތީ އިންތިހާބު ބޭއްވުން މަޑުޖައްސާލުމަށް. އިންތިހާބާއި ބެހޭ މަސައްކަތްކުރުން ހުއްޓާލުމަކަށް ނެތް. މާދަމާ ކަމެއް، މިރޭ ކަމެއް ނޭނގޭ ސުޕްރީމް ކޯޓުން ހުކުމެއް ނިކުންނާނީ، އިންތިހާބު ކުރިއަށް ގެންދަން. އެހެން ކަމުގައިވާނަމަ ފުލުހުންގެ އެއްބާރުލުން ނުދޭ ކަމަށްވާނަމަ އިލެކްޝަންސް ބޭއްވުމަށް އެދަނީ ހުރަސް އެޅެމުން،" ދިއްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.
ކޮމެޓީއަށް މިރޭ ހާޒިރު ކުރަނީ ހޯމް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. އަހަމަދު ޝަފީއު އާއި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން މޭޖަ ޖެނަރަލް އަހްމަދު ޝިޔާމެވެ. ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް އަބްދުﷲ ވަހީދު ވެސް ކޮމެޓީއަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. އެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރާނީ މިރޭ 8:30 ގަ އެވެ.
މިއަދު މެންދުރުފަހު ބޭއްވި މިނިވަން މުވައްސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ހާޒިރު ކޮށްފައިވެ އެވެ. އޭނާ ހާޒިރު ކުރި ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.
ސަމީރު ވިދާޅުވީ ކޮމެޓީ ސިއްރު ކުރަން ޖެހެނީ ބައެއް މެންބަރުން ހަމަ ނުޖެހުންތައް ހިނގަން ފެށުމުން އެކަށީގެންވާ މާހައުލެއް ގާއިމު ނުކުރެވޭތީ ކަމަށެވެ. މިއަދުގެ ކޮމެޓީގެ ބައްދަލުވުގައި ވެސް ކޮމެޓީގެ ބައެއް ތަކެއްޗަށް ވިލުފުށީދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ގެއްލުން ދީފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދިޔަކީ ސައުންޑް ސިސްޓަމާނުލައި ކަމަށާއި ސައުންޑް ސިސްޓަމަށް މެންބަރުން ގެއްލުންދޭތީ އެ ކޮމެޓީގެ ބައްދަލުވުން ސައުންޑްސިސްޓަމާއި ނުލައި ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނަކާ އެކު، ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުޑަ ކޮމެޓީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް މިރޭ ހާޒިރަން ނިންމި އެވެ. ނަމަވެސް އެ ކޮމެޓީގެ ބައެއް ބޭފުޅުނަށް ހާޒިރުވެވެން ނެތް ކަމަށް އެ ކޮމެޓީއަށް އަންގާފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ނުބޭއްވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވޯޓާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ފުލުހުންގެ ދެމުން އައި އެހީތެރިކަން ހުއްޓާލާފައިވެ އެވެ. އެ އަމުރާ ގުޅިގެން ފުލުހުން އަމަލު ކުރާނެ ގޮތް އިލެކްޝަންސް ކޮމިޝަންގެ ކޯޑިނޭޓިން ކޮމެޓީ އަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.