26 Sep 2013, 16:58
ގދ. ފަރެސްމާތޮޑާގެ، ގާޒީއެއްގެ ގޭގައި ހުރި ތިޖޫރީއެއް ލައްކަ އަކަށް ވުރެ ގިނަ ރުފިޔާއާ އެކު ވަގަށް ނަގައިފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށު ގާޒީއެއްގެ ގޭގައި ހުރި ތިޖޫރީ ވަގަށް ނެގި އިރު، އޭގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ.
އޭގެ ތެރެއިން ބައެއް ފައިސާ ފުލުހުން ހޯދާފައި ވަނީ ގަސްތަކެއްގެ ތެރޭ ވަޅުލާފައި ހުއްޓަ އެވެ. އަދި ތިޖޫރީ ހޯދާފައި ވަނީ ފަޅުގެއެއްގެ ތެރޭ ހުއްޓަ އެވެ.
ފުލުހުން ބުނީ ފަރެސްމާތޮޑާ ގެއަކުން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 11:25 ހާއިރު ކަމަށެވެ. އަދި އެގެއިން ތިޖޫރީ ވަގަށް ނެގި މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ ދެ މީހެއްގެ އިތުރުން 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހެކެވެ.