ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ށ. ނަރުދޫގައި ބެހެއްޓި ވޯޓް ފޮށި އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންސްގެ ގައުމީ ކޮމްޕްލެއިންސް ބިއުރޯއިން ލަފާދީފައިވި ނަމަވެސް އެފޮށި އަލުން ނުގުނާނެ ކަށް އެ ކޮމިޝަނަށް ބުނެފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކޮމްޕްލެއިންސް ބިއުރޯ އިން އެގޮތަށް ލަފާދީފައި ވަނީ އެ ރަށުގައި ބެހެއްޓި ވޯޓް ފޮއްޓަށް ލާފައިވާ ވޯޓްތަކުގެ ތެރެއިން ސައްހަ ވޯޓްތަކެއް ބާތިލު ވޯޓްތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވާތީ އެ ރަށު މީހަކު ކޮށްފައިވާ ޝަކުވާއެއް ބެލުމަށް ފަހުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސަތާރު މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގައި ވޯޓްލި މީހުންގެ ތެރެއިން މީހަކު ކޮމިޝަންގެ ކޮންޕްލެއިންސް ބިއުރޯ އަށް ހުށަހަޅައިފައިވާ ޝަކުވާއެއް ބެލުމަށް ފަހު، އެ ފޮށި އަލުން ގުނުމަށް ބިއުރޯއިން ކޮމިޝަނަށް ލަފާދީފައިވީ ނަމަވެސް އަލުން އެ ފޮށި ނުގުނަން ނިންމީ އިންތިހާބްގެ ނަތީޖާ އަށް ބަދަލެއް އަންނާނެ ފަދަ ޝަކުވާއަކަށް އެޝަކުވާ ނުވާތީ ކަމަށެވެ.

"އެފަދަ ޝަކުވާއެއް ހުށަހެޅިގެން ކޮމިޝަނަށް ކޮމްޕްލެއިންސް ބިއުރޯ އިން ވަނީ ލަފާދީފައި. ނަމަވެސް ނަތީޖާ އަށް ބަދަލު އަންނަ ފަދަ ކަމެއް ހިނގާފައި ނުވާތީ އެ ފޮށި އަލުން ނުގުނުމަށް ވަނީ ނިންމައިފައި،" އާސިމް ވިދާޅުވި އެވެ.
'
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ނަރުދޫގައި ބަހައްޓާފައި ވަނީ އެންމެ ވޯޓް ފޮއްޓެކެވެ. އިލެކްޝްންސް ކޮމިޝަނުން އާއްމުކޮށްފައިވާ އެ ފޮށީގެ ނަތީޖާގައިވާ ގޮތުން އެފޮށިން އެންމެ ގިނަ ވޯޓް ލިބިވަޑައިގެންފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އަށެވެ. އެއީ 117 ވޯޓެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓްގެ ގޮތުގައި 102 ވޯޓު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައިވާ އިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ގާސިމް އިބްރާހިމަށް ލިބިވަޑައިގެންފައި ވަނީ 64 ވޯޓެވެ. އަދި ރައީސް މުހައްމަދު ވަހީދަށް ލިބިވަޑައިގެންފައި ވަނީ 03 ވޯޓެވެ. އެ ފޮއްޓަށް ވޯޓް ލުމަށް 306 މިހުން ރަޖިސްޓްކޮށްފައިވާ އިރު އެ ފޮށީގައި 20 ވޯޓް ބާތިލު ވޯޓުގެ ގޮތުގައި ހިމެނެ އެވެ.