26 Sep 2013, 16:43
ޕާކިސްތާނަށް އިއްޔެ އައި ވަރުގަދަ ބިންހެލުމެއްގައި ކަނޑުން ފެންމަތިވި ރަށުން ގިނަ އަދަދެއްގެ ގޭސް ބޭރުވަމުން އެބަދެ އެވެ.
ޕާކިސްތާނުގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އޯޝަނޯގްރަފީ (އެންއައިއޯ) އާ ހަވާލާދީ އެގައުމުގެ ޖިއޯޓީވީން ބުނީ ރަށުގެ އެކި ހިސާބުތަކުން މީތޭން ގޭސް ބޭރުވަމުންދާ ކަމަށެވެ. އަދި ބުނީ އެރަށުން ކަނޑުގެ ދިރުންތައް ފެންނަން ހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމުގެ މެމްބަރުންނަށް ފެނުނު އެރަށުގެ އެކި ހިސާބުތަކުން ބޮކިތައް (ބަބުލްސް) އަރަމުންދާ ތަން، އަލިފާން ދަނޑިއެއް އެޅުމުން އޭގައި ރޯވޭ. އެހެންވެ، ހުޅު ރޯ ކުރުން އަޅުގަނޑުމެންގެ ޓީމަށް މަނާކުރިން،" އެން އައިއޯގެ މެރިން ބަޔޮލޮޖިސްޓް މުހައްމަދު ދާނިޝް ވިދާޅުވެފައިވެ އެވެ.
ޕާކިސްތާނަށް އިއްޔެ އައި ބިންހެލުމުގައި އުފެދުނު އެ ރަށުގެ އުސްމިނުގައި ކަނޑުގެ ސަތަހައިން ފެށިގެން 60 ފޫޓް ހުރެއެވެ. އެރަށުގެ ދިގުމިނުގައި ބައެއް ދިމަ ދިމައިގައި 200 މީޓަރު އަދި އަނެއްބައި ދިމާގައި 300 މީޓަރު ހުރެ އެވެ. ފުޅާމިނުގައި ބައެއް ދިމަދިމާގައި 100 މީޓަރު އަދި އަނެއްބައި ދިމާގައި 120 މީޓަރު ހުރެ އެވެ.
ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި ޕާކިސްތާނަށް މިދިޔަ އަންގާރަ ދުވަހު އައި ބިންހެލުމުގައި 200 އަށް ވުރެ ގިނަމީހުން މަރުވި އެވެ.