ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓްކޮށް، ވިޔަފާރި ކުރުން މަނާކުރާ މުއާހަދާ، ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) މުއާހަދާ ރާއްޖެގައި ތަންފީޒު ކުރުމަށް އެހީތެރިވުމަށް މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

ސައިޓީސް މުއާހަދާ ރާއްޖޭގައި ތަންފީޒު ކުރުމަށް އެހީތެރިވެދިނުމަށް ޓްރޭޑާސް ހޮޓެލްގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ހަ މުއައްސަސާއަކުން ބައިވެރިވި އެވެ. އެއީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި މެރިން ރިސާޗް ސެންޓާރާއި އެންވަޔަރަމެންޓަލް ޕްރޮޓެންޝަން އެޖެންސީގެ އިތުރުން އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓްރީނެވެ.

އެއް ދުވަހުގެ އެ މަސައްކަތު ބައްދަލުވުމަކީ ސައިޓީސް މުއާހަދާގައި އަލަށް ބައިވެރިވެފައިވާ ގައުމުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސައިޓީޒް ސެކްރެޓޭރިއަޓުން އިންތިޒާމު ކޮށްގެން ހިންގާ ބައްދަލުވުމެކެވެ. އެ މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ސައިޓީޒް ސެކްރެޓޭރިއަޓުގެ ޗީފް ގަވަނިންގް ބޮޑީޒް އެންޑް މީޓިންގް ސާވިސަސް ޖޮނަތަން ބާޒްޑޯ އާއި ކެޕެސިޓީ ބިލްޑިންގް ކޯޑިނޭޓާއި ހަރޫކޯ އޮކޫސޯ އެވެ.

އެ މަސައްކަތް ހުޅުވާދެއްވުމުގެ ހަފްލާގައި ޝަރަފުވެރި މެހެމާން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ނައިބު އަބްދުﷲ މަޖީދު ވިދާޅުވީ ސައިޓިޒް ތަންފީޒު ކުރެވުމުން ދިވެހިރާއްޖެ އަށް ފަންނީ ގޮތުން ފައިދާވާނޭ ކަމަށެވެ. އަދި އެ މުއާހަދާ ރަނގަޅަށް ތަންފީޒު ކުރުމަށް ވެސް އިލްތިމާޒް ކުރެއްވި އެވެ.

ސައިޓީސްގެ މެންބަރުކަން ރާއްޖެ އަށް ލިބުނީ މިއަހަރުގެ މާޗް މަހު އެވެ. ސައިޓީސްގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުން މަޖިލީހުން ރުހުންދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ މުއާހަދާގައި ވާގޮތުން 33،000 ވުރެ ގިނަ ދިރޭތަކެއްޗަކީ ދުނިޔެ އިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެއްޗެވެ. އެ މުއާހަދާގައި ބައިވެރިވެ، މެންބަރު ގައުމަކަށް ރާއްޖެވުމުން ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރާއި ދޫނި ސޫފާސޫފީގެ އިތުރުން ގަސްގަހާ ގެހި ބައިނަލްއަގުވާމީ ވިޔަފާރީގައި ބޭނުން ކުރިއަސް އޭގެ ނަސްލަށް ގެއްލުން ނުވާނެ ގޮތަށް ރާއްޖެއިން އަމަލު ކުރަންޖެހެ އެވެ.