މ. އަތޮޅުގެ ރަށްތަކުގައި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދިޔަ ވޯޓު ކަރުދާސްތައް އެ އަތޮޅުގެ ވެރިރަށް މުލީގެ އަމިއްލަ ފަރުދެއްގެ ގޭގައި ބަހައްޓައިފި އެވެ.

މ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސުލައިމާން މިއަދު ވިދާޅުވީ ވޯޓު ކަރުދާސް ފޮނުވާކަން އިލެކްޝަންސް ކޮމިޝަނުން އެންގީ އެތަކެތި މާލެ އިން ފުރުވާލި ފަހުން ކަމަށެވެ.

"ކައުންސިލްގައި މަސައްކަތް ކުރާ އިލެކްޝަންސްގެ ސްޓާފް އިއްޔެ ވިދާޅުވީ އަޅުގަނޑު ކައިރީ، މާލެއިން މިހާރު ފުރައިފިޔޭ އިލެކްޝަންސްގެ އޮފިޝަލުން ވޯޓް ކަރުދާސް ހިއްޕަވައިގެން. ދެން އަޅުގަނޑު ދެންނެވީ މިހާރު ކޯޓްގެ އަމުރެއް އެބަ އޮތޭ. އެ އަމުރު އޮއްވައި އެ އަމުރަށް ކިޔަމަން ނުވާނެ ކަހަލަ ގޮތަކަށް ތިކަން ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން އެއްބާރުލުމެއް ނުދޭނަމޭ. އެހެންވީމާ ވޯޓް ކަރުދާސް މިފަހަރަކު ނުބެހެއްޓޭނޭ މި ކައުންސިލްގެ އިދާރާއަކު،" އޭނާ ވިދާޅުވި އެވެ.

ސުލޭމާނު ވިދާޅުވީ އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އޭނާއާ ގުޅި ކަމަށެވެ. އެގޮތުން ގުޅުއްވީ އެކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބުދުއް ސައްތާރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގުޅުއްވާފައި ވިދާޅުވީ ފުއާދު ތައުފީގު ވިދާޅީ ނުވެއެއް ނޫންހޭ އެ ކޯޓް އަމުރު އެހެން އޮއްވަކާ އިލެކްޝަން ބާއްވާނެ ކަމަކަށް، އެހެންވީމާ އެހެން ވިދާޅުނުވާ ކަމަށް ވަންޏާ ވޯޓް ކަރުދާސް ބެހެއްޓިދާނެ ނޫންހެއްޔޭ. ދެން އަޅުގަނޑު ދެންނެވިން ކޯޓް އަމުރު އެބަ އޮތް ކަމަށް ތިޔަ ބޭފުޅުން އެބަ ގަބޫލުކުރައްވައޭ. ކުރައްވާ އިރުގައި ކޯޓުން އަދި ވަކިގޮތެއް ނުއެއް ނިންމަވައޭ،" ސުލައިމާނު ވިދާޅުވި އެވެ.

އެހެންވީމާ މިހާރު ފޮނުވާ ކަރުދާހަކީ ގާނޫނާ ހިލާފު ކަރުދާހަކަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާތީ، ހަވާލުވެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށް ވެސް ސުލޭމާނު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަކަށް ނުވާނޭ ތިކަމެއް، އަޅުގަނޑު ނުކުރާނަމޭ ތިޔަ ކަމެއް، އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެކޭ ތިއީ ކޮށްފިއްޔާ، އެހެންވީމާ ތިޔަ ކަމެއް ނުކުރާނަމޭ،" ކޮމިޝަނަށް ޖަވާބު ދެއްވަމުން ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކެރްޓްރީ ޖެނެރަލް އާސިމް އަބުދުއްސައްތާރު މިއަދު ސަން އަށް ވިދާޅުވީ މ. އަތޮޅު ކައުންސިލާއި މުލީ ރަށު ކައުންސިލްގައި ވެސް ކަރުދާސް ބެހެއްޓޭ ގޮތް ނުވުމުން، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތިއްބަވާ އަމިއްލަ މީހެއްގެ ގޭގައި އެތަކެތި ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ގޭގައި އެތަކެތި ހުންނާނީ ރައްކާތެރިކަމާ އެކު، އިލެކްޝަންސްގެ އޮފިޝަލުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރަނގަޅު ވާހަކައެއް، އެއީ އެ ރަށުގައި ހުރި އަތޮޅު ކައުންސިލު، ރަށު ކައުންސިލުގައި ބެހެއްޓޭނެ ގޮތް ނުވެގެން އަޅުގަނޑުމެން އެތާ ބެހެއްޓީ، އެއީ އަޅުގަނޑުމެންގެ އޮފިޝަލުން ތިއްބަވާ ގެ. އެތަނުގައި ބަހައްޓާފައި މިވަގުތު ހުރީ." އެނާ ވިދާޅުވި އެވެ.

ވޯޓު ކަރުދާސްތައް އެގޭގައި ބަހައްޓާނީ ކިހާ ދުވަހެއް ވަންދެން ތޯ ސުވާލު ދެންނެވުމުން އާސިމް ވިދާޅުވީ އެކަން ނިންމާނީ ކޮމިޝަނުން ކަމަށެވެ.