ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން އއ. ރަސްދޫގައި އެމްޑީޕީ ބަޔަކު ރޭ ބޭއްވި "ކަންމަތީ ބުރު" ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލުވުމުން 14 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ އެ ރަށުގައި ހަމަނުޖެހުން ހިންގައި ރަށުގެ އަމަންއާންމު ނަގާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގަޔާއި އަދި ސެކިއުރިޓީ ބަލަހައްޓަން ތިބި ތިން ފުލުހަކަށް މަރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އެ ރަށުން ސަންއާ ވާހަކަ ދެއްކި މީހަކު ބުނީ މައްސަލަ ހޫނުވީ ކޯޓު ސަރަހައްދަށް މައްޗަށް ނަގާފައި ހުރި ޖަގިޔަލެއް ފުލުހުން ނެގުމުން ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރަސްދޫ ކައުންސިލްގެ ރައީސް ހަސަން މޫސާ އަދި އަތޮޅު ކައުންސިލްގެ މެމްބަރު މުހައްމަދު ޝަފީގު ވެސް ހިމެނެ އެވެ.