ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ބަހައްޓާ ވޯޓު ފޮށީގެ އޮފިޝަލުންނަށް ވިސާ ނުލިބުމުން އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން ޖެހިއްޖެނަމަ އެ ގައުމުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސަތާރު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވާނަމަ ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ވޯޓު ފޮށި ބެހެއްޓެން ނެތް ކަމަށެވެ.

ސްޕްރީމް ކޯޓުން ކުރާ ހުކުމަކާ ގުޅިގެން އަލުން އިންތިޚާބު ބާއްވަން ޖެހިއްޖެނަމަ ރިޔާޟުގައި ވޯޓު ފޮށި ބަހައްޓާނެތޯ ސުވާލު ކުރުމުން އާސިމް ވިދާޅުވީ "އެކަން އަދި ނުނިންމާ" ކަމަށެވެ. ރިޔާޟުގައި ވޯޓު ފޮށި ބަހައްޓަނީ ދިވެހި ހައްޖާޖީންނަށް ވޯޓުލުމަށެވެ. ސައުދީއަށް ފުރާ 800 ހައްޖާޖީންގެ ތެރެއިން، ގިނަ ހައްޖާޖީންނަށް ރިޔާޟަށް ނުދެވޭނެ ކަމަށް ހައްޖުވެރިން ސައުދީއަށް ގެންދާ ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

"އަޅުގަނޑު މިދަންނަވަނީ 28 ވަނަ ދުވަހު ދެވަނަ ބުރު އޮންނަ ކަމަށްވަންޏާ ސައުދީގައި ވޯޓު ފޮށި ބެހެއްޓެން ނެތޭ. އެއީ އިލެކްޝަން އޮފިޝަލުންނަށް ވިސާ ހަމަޖެހިފައިނުވާތީ،" އާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އޮންނަ ދުވަސްވަރު ސައުދީއަށްދާ އިލެކްޝަންސްގެ އޮފިޝަލުންނަށް މިއަދުގެ 1:00 އާ ހަމައަށް ވެސް ވިސާ ހަމަޖެހިފައިނުވާ ކަމަށެވެ.

ނަމަވެސް ވިސާ ހަމަޖެހިފައި ނުވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއްނުވެ އެވެ.

އާސިމް ވިދާޅުވީ ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މިހާރު ވޯޓު ފޮށި ބަހައްޓަން އިއުލާނުކޮށްފައިވާ ތަންތަނުގައި ރަޖިސްޓްރީ ކުރުމަށް އެދިފައިވާނެ ކަމަށެވެ.

އިލެކްޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރިޔާޟްގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުން، އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ބަންދު ވާނީ މާދަމާގެ އިރުއޮއްސި 6:00 ޖެހުމާ ހަމަޔަށެވެ.