މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާއި ސަރުކާރާ ގުޅިގެން ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރަން ސޮއިކުރި އެއްބަސްވުން އުވާލުމުން އެ ކުންފުނިން ފޮނުވި ނޯޓިސްއާ ގުޅިގެން ސިންގަޕޫރުގެ ވަކީލުންގެ ލަފާ ހޯދަން ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ނެކްސްބިޒުން މި މަހުގެ ފަސް ވަނަ ދުވަހު ސަރުކާރަށް ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ އެގްރިމަންޓް ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި 268.6 މިލިއަން ޑޮލަރު )4.1 ބިލިއަން ރުފިޔާ( ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ. ނެކްސްބިޒުން މީގެ ކުރިން ބުނެފައި ވަނީ އެ އެއްބަސްވުން ބާތިލުކުރީ އެއާ ހިލާފަށް ކަމަށާއި އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައި ނުވާ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ނެކްސްބިޒްއާ އެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އަމަލުކުރަން ޖެހެނީ ސިންގަޕޫރުގެ ގާނޫނީ އޮނިގަނޑުގައިވާ ގޮތަށެވެ. އެހެންވެ އެ ކުންފުނިން ފޮނުވި ނޯޓިސްއާ ގުޅިގެން ސިންގަޕޫރުގެ ވަކީލުން ލަފާ ހޯދަން ހުށަހެޅީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ނޯޓިސްއާ ގުޅިގެން އެއީ ދައްކަން ޖެހޭ ފައިސާއެއްތޯ ނޫންތޯ އެނގޭނީ ވަކީލުންގެ ލަފާ ލިބިގެން. އެ ކުންފުނިން ފޮނުވާފައި އޮތީ އާބިޓްރޭޝަން ނޯޓިސްއެއް ނޫން،" އުޝާމް ވިދާޅުވި އެވެ. "ބޮޑަށް ލަފާކުރެވެނީ އެއީ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ފޮނޮވި ނޯޓިސްއެއް ކަމަށް."

އޭނާ ވިދާޅުވީ ނެކްސްބިޒްއާ ދެމެދު ސޮއިކުރި އެއްބަސްވުން އުވާލި ނަމަވެސް އެ މައްސަލަ އެ ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް އަދި ހުށަހަޅާފައިނުވާ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން އިންޓަނޭޝަނަލް ޓެންޑާއަކުން ނެކްސްބިޒްއާ ހަވާލުކޮށް، އެގްރިމެންޓުގައި ސޮއިކުރީ އޮކްޓޯބަރު 17، 2010ގަ އެވެ.