26 Sep 2013, 14:24
އެމްވީކޭ މޯލްޑިވްސް އާއި އެކުންފުނީގެ ވެރިން ބޭންކް އޮފް ސިލޯނުން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން 5.2 މިލިއަން ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އެކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެމްވީކޭ މޯލްޑިވްސް އާއި އެކުންފުނީގެ ވެރިން ކަމުގައިވާ ހ. ޝަފީގުގޭ، އިބްރާހިމް ޝަފީގާއި މ. މާފަންނުއާގޭ، ފާތުމަތު ފަރީދަށް މ. މާފަންނުއާގެ އާއި އެގޭގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އެއްގަމު އުޅަނދުތަކަކާއި ކަނޑުގައި ދުއްވާ އުޅަނދުތަކެއް ރަހުނުކޮށްގެން 08 ޑިސެންބަރު 2009ގައި 4.5 މިލިއަން ރުފިޔާ އާއި 11 ޖުލައި 2011ގައި 195000 ޑޮލަރުގެ ލޯނެއް ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާކަން އެ ދެމީހުންގެ ހެކި ބަހުން ޝަރީއަތަށް ޝާބިތުވެފައިވާ ކަމަށެވެ.
އެ ލޯންގެ ފައިސާގެ ތެރެއިން ލޯންގެ އެއްބަސްވުމާ އެއްގޮތަށް 25 ޑިސެމްބަރު 2013ގެ ނިޔަލަށް 2944069.37 ރުފިޔާ އާއި 147،494.27 ޑޮލަރު (މުޅި ޖުމްލަ 5.2 މިލިއަން ރުފިޔާ) ދައްކާފައިނުވާ ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ.
ލޯނުގެ ފައިސާގެ ތެރެއިން މިހާތަނަށް ނުދެއްކި ހުރި ފައިސާ މިއަދުން ފެށިގެން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި އެމަހަކަށް ދައްކަން ޖެހޭ މިންވަރަށް ވުރެ މަދުނޫން އަދަދަކަށް ދައްކައި ހަލާސްކުރުމަށް އެމްވީކޭ އާއި އެކުންފުނީގެ ވެރިންގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ބޭންކް އޮފް ސިލޯނުން އެމްވީކޭ އާއި އެކުންފުނީގެ ވެރިން ނަގައިފައިވާ ލޯނުގެ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ ލޮނަށް ރަހުނުކޮށްފައިވާ މުދަލާއި ތަކެތި ވިއްކާލުމުގެ ބާރު އެ ބޭންކަށް ލިބިގެންވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.