26 Sep 2013, 14:19
ރާއްޖެއަށް މިއަހަރު ފުރަތަމަ ދޫކުރި ހައްޖު ކޯޓާ އިން އުނިކުރި 200 މީހުންނަށް އަލުން ހުއްދަ ދިނީ ވަގުތު ފާއީތުވީ ފަހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ފާއިޒު ވިދާޅުވީ އުނިކުރި 200 މީހުން ގެންދަން ސައުދީ ސަރުކާރުން ހުއްދަ ދިން ނަމަވެސް ވިސާ ހައްދައިގެން މި އަހަރު ދެން ހައްޖަށް ދާނެ ވަގުތު ނެތް ކަމަށެވެ.
"ވިސާ ހެއްދުމުގެ ޕްރޮސެސް ވަރަށް ދިގު. ހައްޖުވެރިން ތިބޭނެ ތަނެއް ކުއްޔަށް ހިފަން ޖެހޭ. ކޮންމެ މީހަކަށް 250 ރިޔާޟުގެ މަގުން ޑިޕޮސިޓް ފައިސާ ބަހައްޓަން ޖެހޭ، މިކަހަލަ އެތައް ކަމެއް ކޮށްގެން ވިސާ ލިބެނީ. އެކަމަށް ވަރަށް ދިގު މުއްދަތެއް ހޭދަވޭ،" ފާއިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓާ އިން އުނިކުރި ބައި މިހާ ފަހުން އިތުރު ކޮށްދިނުމުން ދިވެހިންނަށް ހައްޖަށް ނުދެވުނު ނަމަވެސް ސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުންނަށް އެކަން ވެދާނެ ކަމަށެވެ.
"ދިވެހިންނަކަށް މިކަމެއް ނުވާނެ. މެދު އިރުމަތީގެ ގައުމުތަކުގައި ދިވެހިން ދިރިއެއް ނޫޅޭ. އެކަމަކު މިސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުން، މިސާލަކަށް ސްރީލަންކާ އިންޑިއާ، ޕާކިސްތާނު މީހުން އެބަ ދިރިއުޅޭ ސައުދީ އަރަބިއްޔާގައި. އެހެންވީމާ އެމީހުންނަކަށް މީ މައްސަލައަކަށް ނުވާނެ،" ފާއިޒު ވިދާޅުވިއެވެ. "ކޯޓާއިން އުނިކުރި ބައި އިތުރު ކޮށްދިން ކަން މި އެނގުނީ ވެސް ސްރީލަންކާގައި ހުންނަވާ ސައުދީ މިޝަންގެ ވެރިޔާ އަބުދުލް އަޒީޒު ހަނަފީއާ މިނިސްޓަރް ވާހަކަ ދެއްކެވުމުން. ރަސްމީކޮށް ލިއުމުން އެކަން ނުވެސް އަންގާ،"
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ފުރަތަމަ ދިނީ 1000 މީހުންގެ ހައްޖު ކޯޓާއެކެވެ. އޭގެ ފަހުން އެކޯޓާ 800 މީހުންނަށް މަދުކުރުމަށް ސައުދީ ސަރުކާރުން ނިންމި އެވެ. އަދި 200 މީހަކަށް މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލުނީ އެހެންވެ އެވެ.
ކޯޓާ މަދުކުރުމަށް ސައުދީން އަންގާފައި ވަނީ މައްކާގެ ދެ ހަރަމްފުޅު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެގެން ކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ބުންޏެވެ. އަދި އެ ނޫން ގޮތެއް މިއަހަރު ނެތް ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް މިނިސްޓަރު ޑރ. ޝަހީމު އޭރު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން މި ކަހަލަ ކަންތައް ހައްލުކުރުމަށް. މިކަމަކީ މިނޫން ގޮތަކަށް މިފަހަރު ބަދަލުވެގެންދާނެ ކަމެއް ނޫން ކަމަށް ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން އަޅުގަނޑުމެނަށް ވަނީ އަންގާފައި،" ޝަހީމު ވިދާޅުވެފައިވެ އެވެ.