ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން އާއި ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ހިދުމަތް މުޅިން އާ ޕްލެޓްފޯމަކަށް ބަދަލުކުރަން ނިންމައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އާއި ކްރެޑިޓް ކާޑު އަދި ޑެބިޓްކާޑުގެ ހިދުމަތް އާ ޕްލެޓްފޯމަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ބުނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އާއި ކްރެޑިޓް ކާޑު އަދި ޑެބިޓްކާޑުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ.

"މި މަސައްކަތް ކުރިޔަށްދާ މުއްދަތުގައި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް އަލަށް އެދޭ ފަރާތްތަކަށް ހިދުމަތް ދިނުމާއި ކާޑު ދޫކުރުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ. ނަމަވެސް މުއްދަތު ހަމަވާ ކާޑުތައް މި މުއްދަތުގައި ވެސް އާކޮށްދެވޭނެ. އަދި ކާޑާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނާނެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ އެ މަޝްރޫއު ނިމުމުން އެ ބޭންކުން ފޯރުކޮށްދޭ އިލެކްޓްރޯނިކް ބޭންކިންގެ ހިދުމަތް މިހާރަށްވުރެ ރަނގަޅުވެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.