24 Nov 2010, 05:41
ތާރީހީ އިލްމުވެރިން ވިދާޅުވެއެވެ. ދުނިޔޭގަ ކަންކަން އަބަދުވެސް ތަކުރާރުވެއެވެ. ނަމަވެސް މަދު މީހަކަށް މެނުވީ މިތަކުރާރުވުން ތަކުގެ ފައިދާއެއް ނުކުރެއެވެ.
ދިވެހިރާއްޖެގައި ހިނގާދިޔަ ދިގު 30 އަހަރުގެ ވެރިކަމަށް ފަހު ނަމުން "ޑިމޮކްރަސީއަކަށް" ކަމުން ހަމަ ކުރީގެ ވެރިކަމުގެ ބައްޓަމަށް ކަންކަން ފުރޮޅެމުން މިހިރަގެން ދަނީއެވެ. މަޖިލިހުގެ ތެރޭން އުސޫލައީ ހަމަ ނެއްޓިގެން ދާއިރު ވެރިކަމުގެ ބާރުވެރިންގެ ސިކުނޑިތައް މިވަނީ ކިލަނބުވެ، ހަރާބުވެފައެވެ.
ކުރީގެ ވެރިކަމާއި އެއްފަދައިން ވެރިކަމުގެ ކިއްލާ ބާރުވެރިކުރުވުން އެއީ މިވެރިކަމުގެ އަސްލުކަމުގައި ވެއްޖެއެވެ. އަދި މި އަސްލަކީ މިވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ އަސާސް ކަމުގައިވެސް ވެއްޖެއެވެ. އިނގިރޭސި ތާރީހި އިލްމުވެރިއެއް އަދި ސިޔާސީ ވިސްނުންތެރިއެއް ކަމުގައިވާ ލޯޑް އެކްޓަން ވިދާޅުވެފައިވެއެވެ. އާރާއި ބާރަކީ އިންސާނާ ހަރާބު ކުރުވާ އެއްޗެކެވެ. އަދި ފުރިހަމަ ބާރު، އެމީހާ ފުރިހަމައަށް ހަރާބުކޮށް ކިލަނބު ކުރުވައެވެ.
މިއީ ފުންމާނައެއް އެކުލެވޭ ޖުމްލައެކެވެ. މިޖުމްލައިގައި މިބުނާ އާރާއި ބާރުގެ އަހުލުވެރިންގެ އާހިރު ނިމުމަކީ، އެބާރު އޭގެ ނުރަނގަޅު ގޮތުގައި އަނިޔާވެރި ގޮތުގައި ބޭނުން ހިފާ، މުޅި އެނާގެ ނަފްސު ހަރާބުކޮށް ކިލަނބު ކުރުމެވެ. ތާރީހީ ހެކިތަކަށް ބަލާއިރު އެފަދަ ބާރުވެރިކަން މުށުތެރެއަށް ޖަމާކުރި ހަމަ ކޮންމެ އަނިޔާވެރިއެއްގެ ފެށުމުގެ ދައުވާއަކަށް ވެފައިވަނީ ބާރުތައް ޖަމާކުރަންޖެހެނީ ރައްޔިތުންނަށް ރަނގަޅު ގޮތް، ޖަމާއަތަށް ފައިދާ ހުރި ކަންކަން، ޖަމާއަތުގެ މަސްލަހަތު ހިމާޔަތް ކުރުން ފަދަ މުހިއްމު ކަންކަން ކުރުމަށްޓަކައެވެ. ނަމަވެސް އާހިރުގައި އެބާރު ބެނުންކުރެވެނީ ވެރިކަމުގެ ފަރާތުގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރާށެވެ. ވެރިކަން ބާރުވެރި ކުރާށެވެ. ރައްޔިތުން ނިކަމެތިކުރާށެވެ. ގޮށްމުށުގެ ވެރިކަން ހިންގާށެވެ. ތާއަބަދަށް ވެރިކަމުގައި ހުންނާށެވެ.
އަވަށްޓެރި ސްރީލަންކާއަށް ބައްލަވާށެވެ. އެގައުމުގެ ސިޔާސީ ވެއްޓަށް ރަގަޅަށް ލޯހުޅުވައި ބައްލަވާށެވެ. ވެރިކަމުގައި އެހުންނެވީ މަހިންދަ ރާޖަޕަކްސާއެވެ. އުމުރުން އެންމެ 24 އަހަރުގައި އެބޭފުޅާ ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލިހަށް އިންތިހާބުވެފައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް، މިހާރު 60 ގެ އަހަރުތައް ގުނަމުންދާ ރާޖަޕަކްސާ އެގެންދަވަނީ ސިޔާސީ އެކިކަހަލަ ފަތަހަތައް ހޯއްދަވަމުންނެވެ.
މަޖިލިހުގައި އިދިކޮޅު ޕާޓީގެ ލީޑަރުގެ އިތުރުން ޗަންދްރިކާ ސަރުކާރުގައި ވަޒީރުކަން އަދާކުރައްވާފައި ވެއެވެ. މިހާރު އެހުންނެވީ ލަންކާގެ އެންމެ ބާރުވެރި އެންމެ ޝަރަފްވެރި މަގާމުގައެވެ. އެގައުމުގެ ރައީސްގެ ގޮތުގައެވެ. ލަންކާގެ ތާރީހް މިހާތަނަށް ނުދެކޭފަދަ ބާރުގަދަ ރައީސެއްގެ ގޮތުގައެވެ. އަދިވެސް ބާރުތައް އެގެންދަވަނީ އެބޭފުޅާގެ މުށުތެރެއަށް ޖަމާކުރައްވަމުންނެވެ. މިހުރިހާކަމެއްވެސް އެބެފުޅާގެ ބަހުންނަމަ ކުރައްވަނީ ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައި ދެއްވުމަށެވެ. ލަންކާގެ ސުލްހަ ގާއިމްކުރާށެވެ. އަދި މުޅި ލަންކާ އާބާދުކޮށް މުޅި ލަންކާ އެހެން ލަންކާއަކަށް ބަދަލުކުރެއްވުމަށެވެ.
ދުނިޔޭގެ ބައެއް މީޑިޔާތަކުން ސިފަކުރާ ގޮތުގައި އަދި ބައެއް ސިޔާސީ ވިސްނުންތެރިން ބުނާގޮތުން ލަންކާ މިހާރު މިސްރާބު ޖަހާފަހުރީ ހުދުމުހްތާރު ވެރިކަމަކާއި ދިމާލަށެވެ. ލަންކާއިން މިހާރު މިފެންނަނީ ވަރުގަދަ ޑިކްޓޭޓަރެއް ވުޖޫދަށް ނެރުމުގެ މަސައްކަތްތައް ކަމަށެވެ.
ދެހާސް ދިހައެއް ޖެނުއަރީގައި ދެވަނަ ދައުރަކަށް ރާޖަޕްކްސާ ރައީސްކަމަށް އިންތިހާބު ވުމާއި އެކު ފުރަތަމަވެސް ކުރެއްވި ކަމަކީ އެބޭފުޅާއާއި އެންމެ ވާދަކުރެއްވި އިދިކޮޅު ކޮމަން ކެންޑިޑޭޓު، ތަމަޅަ ޓައިގަރުން ބަލިކުރުމުގެ ފަހަތުގައި ހުރި ސިފައިންގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ޖެނެރަލް ސަރަތު ފޮންސޭކާ ހިފާ ހައްޔަރުކޮށް ޖަލަށް ލުމެވެ.
ދާދި ފަހުން އަސްކަރީ ކޯޓުންވަނީ ފޮންސެކާ އަސްކަރިއްޔާގައި ހޭދަކުރެއްވި 40 އަހަރު ދުވަހު ލިބިލައްވާފައިވާ މެޑެއްޔާއި ޝަރަފާއި އަދި ޕެންޝަން އަނބުރާ ގެންގޮސްފައެވެ. އަދި އެންމެ ފަހުން އަސްކަރީ ކޯޓުން ފޮންސޭކާގެ މައްޗަށްކުރި ހުކުމަކީ 3 އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމެވެ. ބުނެވޭ ގޮތުގައި މިއީ އަދި ފެށުމެވެ. ފޮންސެކާގެ މައްޗަށް އަންނަން ހުރި ދައުވާތައް އަދި ހުރީއެވެ.
ފޮންސޭކާ ބުނާ ގޮތުން އެބޭފުޅާއާއި ދެކޮޅަށް މިހިންގާ އަމަލުތަކަކީ ސީދާ ރާޖަޕަކްސާ ރާވައިގެން އެބޭފުޅާގެ ސިޔާސީ ހަޔާތް މަރާލުމަށް ހިންގާ ވަރުގަދަ ޖަރީމާއެކެވެ. އަދި ރާޖަފަކްސާއަކީ އިތުބާރުކުރަން ހެޔޮވާވަރުގެ ބޭފުޅެއް ނޫންކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ސްރީލަންކާގައި ނިމިދިޔަ ރިޔާސީ އިންތިހާބު ފެށުމުގެ އަހަރެއްހާ ދުވަސްކުރިން އެ އިންތިހާބު ކާމިޔާބު ކުރެއްވުމައްޓަކައި ރާޖަޕަކްސާ ކުރައްވަމުން ގެންދެވި މަސައްކަތަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހުރަސް އަޅުއްވަމުން ގެންދިޔަ އެއް ފަރާތަކީ ސަންޑޭލީޑަރގެ އެޑިޓަރ ލަސަންތާ ވިކްރަމަތުންގައެވެ. ވިކްރަމަތުންގާ ފާހަގަކުރެވެނީ ރާޖަޕަކްސާގެ ސަރުކާރަށް ފާޑުކިޔުމުގައި އަރާ ހުރި ނޫސްވެރިއެއްގެ ގޮތުގައެވެ. ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް އެނާގެ ނޫހުގައި ލިޔުމުގެ އިތުރުން ރާޖަޕްކްސާއާއި އެބޭފުޅާގެ އާއިލާގެ ކޮރަޕްޝަންގެ ވާހަތައް އެނާގެ ނޫސް މެދުވެރިކޮށް ފެންމަތިކުރުވައެވެ.
ކޮލަންބޯގެ މަގެއްގެ މަތިން ހަތިޔާރު އެޅި ބަޔަކު ލަތަންސާގެ ކާރު މަޑުކުރުވާ އެނާގެ ބޮލަށާއި މެޔަށް ބަޑިޖަހާ މަރާލިފަހުން، އެނާގެ ލިޔުންތަކުގެ ތެރެއިން ވަރަށް އާދަޔާހިލާފު ހައިރާންކުރަނިވި ލިޔުމެއް ފެނުނެވެ. މިލިޔުމަކީ ދުނިޔޭގެ މީޑިޔާގެ ސަމާލުކަން އެދުވަސްވަރު އެލިޔުމަކަށް ލިބުނު ލިޔުމެކެވެ. އެލިޔުން ސަންޑޭލީޑަރގައި 11 ޖެނުއަރީ 2009 ދުވަހުގެ އަދަދުގައި ޝާއިއު ކުރެވުނެވެ.
" ހިނިއައިސް ހައިރާންވަނީ މިސަބަބާއި ހުރެއެވެ. ގިނަ މީހުނަކަށް ނޭގެއެވެ. އަހަންނާއި މަހެންދާއާއި ދެމެދު ރަހުމަތްތެރިކަން އޮންނަތާ 25 އަހަރަށްވުރެ ގިނަދުވަސްވެދާނެއެވެ......... " އެލިޔުމުގައި ލިޔެފައިވާ ޖުމްލައެއްގައިވެއެވެ. އަދި ހަމަ އެލިޔުމުގެ އެހެންތާކު ލިޔެފައިވެއެވެ. " އަހަރެންގެ މަރުގެ ވާހަކަ ހަމަ ފެންމަތިވާއިރަށް ކަލޭ މާރަނގަޅު، ހިތްހެޔޮ މީހަކަށް ހެދި އެކަން ރަނގަޅަށް ބަލާ ވަރަށް ސީރިޔަސް ތަހުގީގެއްކުރުމަށް ފުލުހުންނަށް އަމުރުކުރާނެއެވެ. މީގެ ކުރިންވެސް ކަލޭގެ އަމުރަށް ތަހުގީގުތަކުގައި ކަންވާގޮތަށް، އަހަރެންގެ މަރުގެ ތަހުގީގުވެސް ނިމޭނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. އެހެންނަމަވެސް ހަގީގަތެއް ބުނަން ހެއްޔެވެ. އަހަރެމެން ދެމީހުނަށް ވެސް އަހަރެންގެ މަރުގެ ފަހަތުގަ ހުރީ ކާކުކަން އެނގެއެވެ. އެކަމަކު ހަބަރުދާރެވެ..... އޭނާގެ ނަން ނުކިޔައްޗެވެ. ...... ކަލެއާއި އަހަރެންގެ ފުރާނަވެސް ނިސްބަތްވަނީ އެމައްޗަށެވެ." ގިނަ ތަޖްރިބާކާރުން ބުނާގޮތުން މިތަނުގައި ލަސަންތާ އިޝާރާތް އެކުރާ ފަރާތަކީ ޑިފެންސް މިނިސްޓަރ އަދި ރާޖަ ޕަކްސާގެ ކޮއްކޯފުޅު ، ގޯތަބަޔާ ރާޖަޕަކްސާއެވެ.
މިއަދު ސްރީލަންކާގެ އެންމެ ބާރުވެރި އެކަކީ ޑިފެންސް މިނިސްޓަރ ގޯތާބަޔާ ރާޖަ ޕަކްސާއެވެ. ސިފައިންގެ ހުރިހާ ކޮންޓްރޯލެއްވަނީ އެބޭފުޅާގެ އަތްމަތީގައެވެ. އަދި އެބޭފުޅާއަކީ ކުރީގެ ސިފައިންގެ ލިޓުއަނެންޓް ކާނަލެއްގެ މަގާމު ފުރުއްވާފަ ހުންނެވި ބޭފުޅެކެވެ.
ރާޖަޕަކްސާގެ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރަކީ އެބޭފުޅާގެ ކޮއްކޯފުޅު ބާސިލް ރާޖަޕަކްސާއެވެ. ރާޖަޕަކްސާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެބޭފުޅާ ހުންނެވީ ބޭބޭފުޅުގެ އެޑްވައިޒަކަށެވެ. ބުނެވޭގޮތުގައި ރާޖަޕަކްސާގެ ވެރިކަމުގެ މައި ސިކުނޑިއަކީ މިބޭފުޅާއެވެ.
ރާޖަޕަކްސާގެ އެންމެ ދޮށީބޭބެ އަކީ މިއަހަރު އެޕްރީލް މަހު އިންތިހާބުވި ލަންކާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސްއެވެ. އޭގެ ކުރިން އެބެފުޅާއަކީ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ރާޖެޕަކްސާގެ އުމުރުން އެންމެ 24 އަހަރުގެ ފިރިހެން ދަރިފުޅު، ނިމާލް ރާޖަޕަކްސާ ވަނީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި ހަމްބަންޓޯޓާ ދާއިރާއަށް ކުރިމަތިލާ މުޅި މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދައިގެން ގޮނޑިއަށް އިންތިހާބުވި މެންބަރުގެ ގޮތުގައި އިންތިހާބުވެފައެވެ.
މިއަހަރު އެފްރީލް މަހު އޮތް ލަންކާގެ ގާނޫނު ހަދާ މަޖިލިހުގެ ކެންޕޭނުގައި ރާޖާޕަކްސާ ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ ލަންކާއަށް ސުލްހަ ގާއިމްކުރުމަށާއި 30 އަހަރުގެ ދާހިލީ ހަނގުރާމައިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ރައްޔިތުންނަށް ހިތްހަމަޖޭ އަމާންވެއްޓެއް ގާއިމްކުރުމަށް މަޖިލިހުގެ ތިންބައިކުޅަ ދެބައިގެ އައްލަބިއްޔަތެއް ބޭނުންވާކަމަށެވެ.
އެހެންކަމުން ސިދާ އެ އަދަދު ނޫނަސް މަޖިލިހުގެ ސުޕަރ މެޖޯރިޓީއާއި ވަރަށް ކައިރިކުރާ އަދަދެއް ރައްޔިތުންވަނީ ރާޖަފަކްސާއަށް ދިފައެވެ. މަޖިލިހުގެ 225 ގޮނޑީގެ ތެރެއިން 144 ގޮނޑި ވަނީ ރާޖަޕްކްސާ ނިސްބަތްވާ ޕީޕަލްސް ފްރީޑަމް އެލައިންސްއިން ކާމިޔާބު ކޮށްފައެވެ. ސުޕަރ މެޖޯރިޓީ ހޯދަން މިހާރު ބޭނުންވަނީ އިތުރަށް 6 ގޮނޑިއެވެ. ސުޕަރ މެޖޯރިޓީއަށް ބޭނުންވާ 150 ވޯޓު ހަމަ ކުރެވިއްޖެނަމަ ރައީސް ބޭނުންފުޅުވާ ކޮންމެ އިސްލާހެއް ގާނޫނު އަސާސީއަށް ގެނެވޭނެއެވެ.
ނުސީދާ ހަބަރުތައް ބުނާ ގޮތުން ރާޖަޕަކްސާވަނީ މިހާރު ސުޕަރ މެޖޯރިޓީ ހޯއްދަވާފައެވެ. އިދިކޮޅު ކުދި ކުދި ޕާޓީތަކުގެ ބޭފުޅުންނަށް ސިޔާސީ މަގާމުތައް ދެއްވައިގެނެވެ. އަދި އެކިކަހަލަ ހަދިޔާތަކާއި އިނާޔަތްތައްވެސް ހިމެނޭގޮތަށެވެ.
އެކަން ހާމަވަނީ ދާދި ފަހުން ގާނޫނޫ އަސާސިއަށް ގެނައި ބަދަލުންނެވެ. ގާނޫނު އަސާސީއަށް މިހާރުގެނައި ބަދަލުން ވެރިކަމުގައި މުއްދަތެއް ނެތް ގޮތަށް ރާޖަ ޕަކްސާއަށް ރައީސްކަމުގައި ހުރެވިދާނެއެވެ. ސުޕަރ މެޖޯރިޓީ ބޭނުންކުރައްވައިގެން ކުރެއްވި އެންމެ މުހިއްމު ކަމަކީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރެއްވުމެވެ.
މީގެ ކުރިން ގާނޫނު އަސާސިގައި ބުނެފައިވަނީ ރައީސްކަމުގައި ހުރެވޭނެ އެންމެ ދިގުމުއްދަތަކީ 6 އަހަރު ދުވަހުގެ 2 ދައުރުކަމަށެވެ. އަދި އަލަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގެ ސަބަބުން ރައީސް ރާޖަޕަކްސާއަށް އެހެން ބާރެއްވެސް ލިބިދެއެވެ. އެއީ މިނިވަން މުއައްސަސާތަކަށް މެންބަރުން ހޮވާނީ މަޖިލިހުން ކަނޑައަޅާ ޕާލިމެންޓްރީ ކޮމެޓީން ނިންމާ ނިންމުމާއި އެއްގޮތަށްކަމަށް ފާސްވުމުންނެވެ. އެކޮމެޓީގެ ޗެއާމަނަކީ ހުދު ރާޖަޕަކްސާއެވެ. ދެންހިމެނެނީ މަޖިލިހުގެ ރައީސްއާއި، އިދިކޮޅު ޕާޓީގެ ލީޑަރާއި، ޕްރައިމް މިނިސްޓަރާއި، މަޖިލިހުން ހޮވާ އެމަޖިލިހަށް ނިސްބަތްވާ ދެމެންބަރެކެވެ. މިކޮމެޓީގެ ބާރުތަކުގެތެރޭ ޕޮލިސް މޮނިޓަރިން ކޮމިޝަން އައްޔަންކުރުމާއި، ހިއުމަންރައިޓްސް ކޮމިޝަން އައްޔަންކުރުމާއި، އިލެކްޝަން ކޮމިޝަން އައްޔަންކުރުމާއި އަދި ޝަރުއީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުން ހިމެނެއެވެ.
މިއިސްލާހު ފާސްވުމާއެކު ރައީސް ރާޖަޕަކްސާ މީޑިއާގައި ވިދާޅުވީ މިއީ ޑިމޮކްރަސީއަށާއި ކުރިމަގަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އިކޮނޮމިކް މިނިސްޓަރ އަދި ރާޖަޕަކްސާގެ ކޮއްކޯފުޅު ބާސިލް ވިދާޅުވީ 30 އަހަރުގެ ދާހިލީ ހަނގުރާމައަށް ފަހު ގައުމު އާބަދު ކުރުމަށް ވަރުގަދަ ސަރުކާރެއް ބެނުންވާ ކަމަށާއި މިއީ އެކަމުގެ ފެށުންކަމަށެވެ.
ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަތީ 2005 ވަނަ އަހަރެވެ. އަދި ވެރިކަމުގެ ދައުރަކީ 6 އަހަރެވެ. ނަމަވެސް ތަމަޅަ ޓައިގަރުންގެ މައްޗަށް ލިބުނު ފަތަހައާއި ގުޅިގެން، ލިބިލެއްވި ރަނުގެ ފުރުސަތު ބޭނުންކުރައްވައި ވެރިކަމުގެ ފުރަތަމަ ދައުރުގައި ބާކީ 2 އަހަރު ވަރު އޮއްވައި 2010 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާއްވަވައި ބޮޑުތަފާތަކުން އިންތިހާބު ކާމިޔާބުކުރެއްވިއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ރައީސް އިންތިހާބު އަވަސްކުރައްވައި ދަނޑިވަޅުގެ ބޭނުން ހިއްޕެވި ސަބަބުތައް މިހިރަގެންދަނީ ފެންނަމުންނެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހުން މި ފެންނަނީ ބޮޑު ޑިކްޓޭޓަރޝިޕެއް އުފެދި ފައްކާވެ ރޯވަމުން އަންނަތަނެވެ. ހުދުމުޚުތާރުވެރިކަން އޭގެ އެންމެ ނުބައި ސުންޕާގޮތަށް ފައްކާވެ ދޮންވަމުންދާ މަންޒަރެވެ. ރައްޔިތުންގެ ރުހުމާއި އެކުއެވެ. މިކަމާއި މެދު އަޅުގަނޑުމެން ވިސްނާ، މިއިން އިބްރަތު ހާސިލްކުރުމަކީ ބުއްދިވެރީންގެ ގޮތެވެ.