އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ޝެޑިއުލްކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އަތޮޅުތަކުގެ ހުރިހާ ރަށަކާއި ރާއްޖެ އިން ބޭރުގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކަށް ވޯޓު ފޮއްޓާއި ވޯޓު ކަރުދާސްތައް ފޮނުވައި ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސަތާރު މިއަދު ސަން އަށް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ލުމަށް ޓަކައި ހުރިހާ ރަށްތަކާއި ރާއްޖެ އިން ބޭރުގައި ވޯޓް ފޮށި ބަހައްޓާ ތަންތަނަށް އިއްޔެގެ ނިޔަލަށް ވޯޓް ކަރުދާހާ އެކު އިލެކްޝަންސްގެ އޮފިޝަލުން ފޮނުވައި ނިންމާފައިވާ ކަމަށެވެ.

އާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ވެސް ބައެއް އަތޮޅުތަކަށް ވޯޓް ކަރުދާސްތައް ފޮނުވާފައިވާނެ ކަމަށާއި އެ ރަށްރަށުގައި ފުލުހުންގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ހުކުމުގެ ފަހުން ފޮނުވި ވޯޓް ކަރުދާސްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި ރަށްރަށުގެ ކައުންސިލް އިދާރާތަކުން ގުޅިގެން ކަމަށެވެ.

"ކޮންމެ ބައެއްގެ ބެލުމުގެ ދަށުގައި ހުއްޓަސް ކަމެއް ނުވާނެއެކޭ ދަންނަވާކަށް ނޭނގޭނެ. އަޅުގަނޑުމެންނަށް މިހާރު ޔަގީންކަން އެބަ އޮތް މިހާރު ހުރި ހާލަތުން އެއެއްޗެއްސަށް ގެއްލުމެއް ނުވާނެކަން،" އާސިމް ވިދާޅުވި އެވެ.

އިލެކްޝަނުން ވޯޓް ކަރުދާސްތައް ހުރިހާ ރަށަކަށް ފޮނުވާ ނިންމާފައިވާ އިރު ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ފަހު ފުލުހުން ވަނީ ވޯޓާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ނުދޭން ނިންމައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައިނުވާ އިރު ރަށްރަށަށް ވޯޓް ކަރުދާސްތައް ފޮނުވާފައި ވަނީ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް މަޑުޖައްސަން ކޯޓު ހުކުމުގައި ބުނެފައިނުވާތީ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފައި ވަނީ "ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް... އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފިން" ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ޝެޑިއުލް ކުރި އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް އަދި އޮފިޝަލުން އަތޮޅުތަކަށް ފޮނުވުމުން ހިނގާ ހަރަދުތަކާ ޒިންމާވާނީ ކޮން ބައެއްތޯ ދެންނެވުމުން އާސިމް ވިދާޅުވީ އެކޮމިޝަނުން އިންތިހާބަށް ވަމުން ގެންދާ ތައްޔާރީތައް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިނުވާ ކަމަށެވެ. އަދި އެކޮމިޝަނަށް ދިމާވަމުން އަންނަ ދަތިތަކުގެ ވާހަކަ ދައުލަތުގެ މުއައްސަސާތަކަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަންކަންތައްތައް ހިނގަމުންދާ ގޮތް އޮޑިޓާ ޖެނެރަލަށް ވެސް ހުށަހެޅުއްވުމުގެ އެންމެހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިހާބު މަސައްކަތަށް ޓަކައި އޮފިޝަލުންގެ އިތުރުން ކޮމިޝަނަށް 250 ސްޓާފުން އިންތިހާބަށް ނަގާފައިވަނީ. ކޮންމެ ރަށެއްގައި ވެސް ހުންނާނެ ފޯކަލް ޕޮއިންޓެއް. އެ ހުރިހާ އެންމެންނަށް ވެސް އަޅުގަނޑުމެންނަށް އެބަ ޖެހޭ ޕޭކުރަން. އެ ހުރިހާ ކަމަކާ ވެސް އަޅުގަނޑުމެން ވިސްނަން. ހުކުމާ ގުޅިގެން މިކަންތައްތައް ލަސްވެގެން މިދިޔައީ. އުސޫލެއްގެ ގޮތުން މިކަމަށް މީހަކު ޒިންމާވާކަށް ނުޖެހޭނެ. ޒިންމާވާން ޖެހެންޔާ އެކަމެއް ކަނޑައަޅާނެ ދައުލަތުގެ މުއައްސަސާއަކުން. މިކަންތައްތައް ހިނގަމުންދާ ގޮތް އަޅުގަނޑުމެން އަންގާނަން އޮޑިޓާ ޖެނެރަލް އަށް ވެސް،" އާސިމް ވިދާޅުވި އެވެ.

އިންތިހާބްގެ ފުރަތަމަ ބުރުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ބުނެ ޖޭޕީން ސުޕްޜީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅައިފައިވާ އިރު އިންތިހާބްގެ ފުރަތަމަ ބުރުގައި ބޭނުންކުރި ވޯޓް ކަރުދާހާއި ވައްތަރުގެ ވޯޓް ކަރުދާސްކޮޅުތަކެއް ޕްރިންޓްކުރި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް އިންތިޚާބު ނުބާއްވާނެ ކަމަށެވެ.