އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓްގައި ޕާކިން އޭޕްރޮން އާއި ޓެކްސީ ވޭސް ހަދައިދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ވަނީ އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިވާކަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތުގެ ހުލާސާއެއް ހިއްސާކުރާނެ ކަމަށް ވެސް އެމްއޭސީއެލް އިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

އެއާޕޯޓް ހިންގާ ކުންފުނިން ބުނީ އޭޕްރޮން އާއި ޓެކްސީވޭސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފުސީލީ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 1،500 ޑޮލަރަށް އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮކްޓޯބަރު ދިހަ ވަނަ ދުވަހު ޕްރީބިޑް މީޓިން އާއި ސައިޓް ވިޒިޓެއް އޮންނާނެ ކަމަށާއި ބިޑާ އެކު 500،000ރ.ގެ ބިޑް ސެކިއުރިޓީއެއް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ އެ މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް މިދިޔަ މަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެއާޕޯޓުގައި އާ އޭޕްރޮންއެއް އަޅަން ނިންމީ ޕާކުކުރާނެ ޖާގަ އިތުރުކުރުމަށް ކަމަށެވެ. އެގޮތުން އަލަށް އަޅާ އޭޕްރަންގައި 300 މީޓަރު ދިގު އަދި ފުޅާ 75 މީޓަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.