ތުރުކީ ޕޮލިސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ ބެޗްލާ އޮފް ސެކިއުރިޓީ ސްޓަޑީޒް ކޯހާއި ބަހުރައިންގެ ރޯޔަލް އެކެޑެމީ އޮފް ޕޮލިސިން އިން ދިވެހި ފުލުހުންނަށް ލިބިފައިވާ ބެޗްލާސް ޑިގްރީ އިން ލޯ އެންޑް ޕޮލިސް ސައިންސް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ ތުރުކީ ޕޮލިސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ ބެޗްލާ އޮފް ސެކިއުރިޓީ ސްޓަޑީޒް ކޯހަކީ އެކަޑަމިކް އަދި ފިޒިކަލް ބައިތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތަށް ތުރުކީގައި ހިންގާ ކޯހެއް ކަމަށެވެ. ތުރުކީގައި ހިންގާ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ 2:00 އާ ހަމައެށެވެ. ފުލުހުން ބުނީ އެ ކޯހަށް ކުރިމަތިލާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި މުއްދަތު ހަމަނުވާ ޕާސްޕޯސްޓްގެ އިތުރުން ކޯހަށް އެދި ހުށަހަޅާ ސިޓީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީތައް އަސްލާ އެއްގޮތް ތައްގަނޑު ޖެހުމަށް ފަހު ހުށަހަޅާނީ ޝަހީދު ޙުސައިން އާދަމް ބިލްޑިން އަށް ކަމަށެވެ.

ތުރުކީގައި ހިންގާ ކޯހަށް ފުރުސަތު ހުޅުވާލާފައިވާ އިރު ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ ޖީސީއީ އޭލެވެލް ދެ މާއްދާ އިން ފާސްވެފައިވުމާއި ޓީއޯއީއެފްއެލް، އައިއީއެލްޓީއެސް ނުވަތަ ކޭމްބްރިޖް ޔުނިވަސިޓީގެ އެފްސީއީ، ސީއޭއީ، ސީޕީއީ އިމްތިހާނުތަކުން އިމްތިހާނެއްގައި ބައިވެރިވެ ފާސްވެފައިވުމުގެ އިތުރުން 18 އަހަރު ވެފައިވާ މީހަކަށް ވާންޖެހެ އެވެ.

ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއް ކޯސް ފުރިހަމަކުރުމަށް ފަހު ފުލުހުންގެ ވަޒީފާގައި 10 އަހަރާއި ހަ މަސް ދުވަހަށް ޚިދުމަތްކުރުމަށް އިޤުރާރު ކުރެ އެވެ. އަދި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރު އަދި ކުށުގެ ރިކޯޑަށް ބަލާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އަދި ބުނީ ބަހުރައިންގެ ރޯޔަލް އެކެޑެމީ އޮފް ޕޮލިސިން އިން ދިވެހި ފުލުހުންނަށް ލިބިފައިވާ ބެޗްލާސް ޑިގްރީ އިން ލޯ އެންޑް ޕޮލިސް ސައިންސް ކޯހަކީ ހަތަރު އަހަރު ދުވަހުގެ ކޯހެއް ކަމަށެވެ. މާދަމާއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ އެކޯހަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭ ހިމެނެނީ ޖީސީއޯލެވެލް ފުރިހަމަކުރުމާ އެކު ޢަރަބި ބަހުން ރަނގަޅަށް ލިޔަންކިޔުމާއި އަދި މުޢާމަލާތްކުރަން އެނގޭ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުމެވެ.

އެ ކޯސް ފުރިހަމަ ކުރުމަށްފަހު ފުލުހުންގެ ތެރޭ ހަތް އަހަރާއި ހަ މަސް ދުވަހު ޚިދުމަތްކޮށްދޭން ޖެހެ އެވެ.

އަދި އެކޯހަކީ ފިޒިކަލް ބައިވެސް ހިމެނޭ ކޯހަކަށްވުމާ އެކު ކޯހަށް ހޮވޭ ފަރާތްތަކުގެ ފިޓްނަސް ފެންވަރު ބެލުމަށް ފިޒިކަލް ޓެސްޓާއި މެޑިކަލް ޓެސްޓެއް ދޭނެ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ކޯސް އެވޯޑްކުރުމަށް ހަމަޖެހިފައި ވަނީ ޕޮލިސް ސްކޮލަޝިޕް ބޯޑުން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް ކަމަށް ފުލުހުން ބުނެ އެވެ.