ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ވޯޓާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ދިނުން ފުލުހުން ހުއްޓާލައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް އެކޯޓުން ކޮށްފައިވާ އަމުރަށް ފުރިހަމައަށް ތަބާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ކޯޓުގެ އެ އަމުރާ ގުޅިގެން ވޯޓާ ގުޅޭ ކަންކަމުގައި އިލެކްޝަނަށް ފުލުހުންގެ ފަރާތުން ދެމުން އައި އެހީތެރިކަން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ އަމުރާ ގުޅިގެން ފުލުހުން އަމަލު ކުރާނެ ގޮތް އިލެކްޝަންސް ކޮމިޝަންގެ ކޯޑިނޭޓިން ކޮމެޓީ އަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް އެ އަމުރުގެ ކުރިން ރަށްރަށަށް ގެންގޮސްފައިވާ ވޯޓު ފޮށީގެ ކަންކަން ބަލަހައްޓަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ސެކިއުރިޓީ އާއި އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވަނީ ސުޕްރީމް ކޯޓުން އަމުރާ ހިލާފަށް އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ނުނަގާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް އޮންނާނެ ތާރީޚެއް އުއްތަމަފަނޑިޔާރު އިއުލާން ކުރައްވާފައެއް ނުވެ އެވެ.