26 Sep 2013, 11:56
އިންޑިއާގެ ނޮއިޑާ ސިޓީގައި އޮންނަ ނޮއިޑާސިޓީގެ މެޓްރޯ ރެއިލް ސްޓޭޝަނުގެ ބައިތައް ގެނބިފައި ވާކަން ފާހަގަ ވެއްޖެ އެވެ.
އެކަން ފާހަގަވީ ގަވައިދުން މިމަހުގެ 16 ވަނަ ދުވަހު އެތަނުގެ ހާލަތު ބެލި ދިއްލީ މެޓްރޯ އޮފިޝަލުންނަށް ކަމަށް އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުންޏެވެ. އޮފިޝަލުންނަށް ފެނުނީ ސްޓޭޝަނުގެ ބައެއް ބައިތައް އަޑިއަށް ގެނބި، އެކަމުގެ ސަބަބުން ބައެއް ބައިތަކުގައި ރެނދުލާފައިވާ ތަނެވެ.
އެކަން އެހެންވީ ސަބަބު އަދި ނުހޯދޭ ކަމަށް ދިއްލީ މެޓްރޯ އޮފިޝަލުންނާ ހަވާލާދީ ނޫހުގައިވެ އެވެ.
"ގެނބުނު ސަބަބު ހޯދުމަށް ދިއްލީ މެޓްރޯއާއި ކޮންސްޓްރަކްޝަން ކުންފުންނި ގަމޮން އިންޑިއާގެ އޮފިޝަލުން އަންނަނީ ތަހުގީގުކުރަމުން، އަދި ޕްލެޓްފޯމު މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެއާ އެކު ދަނީ ކުރަމުން،" ޑެލްހީ މެޓްރޯގެ ޑައިރެކްޓަރް( ވޯކްސް) ޖިތެންދުރަ ޓްޔާގީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ގެނބުން ހުއްޓުވުމަށް ޓަކައި ސްޓޭޝަނުގެ ޕްލެޓްފޯމްގެ އަރިމަތީގައި މިހާރު ތަނބުތަކެއް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މި ސްޓޭޝަނަކީ ވަކި އެޖެންސީއަކުން އިމާރާތްކުރި ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް. މިކަހަލަ މައްސަލައެއް ހުރިތޯ ހުރިހާ ސްޓޭޝަންތަކެއް މިހާރު ވަނީ ބަލައި ފާސްކޮށްފައި. އެކަމަކު އެހެން ތަނަކުން މިކަހަލަ މައްސަލައެއް ފެންމައްޗެއް ނުވޭ،" ޖިތެންދުރަ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި އެކަމުގެ ސަބަބުން ޓްރެއިން އޮޕަރޭޝަންތަކަށް އަސަރެއް ނުކުރާ ކަމަށެވެ. ނަމަވެސް ޓްރެއިންގެ ދުވެލި މަޑުކުރަން އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެގޮތުން ދަތުރުތަކަށް ކުރިން ހޭދަވާ ވަގުތަށް ވުރެ މިހާރު 15 މިނެޓް އިތުރުވެފައި ވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ނޮއިޑާ ސިޓީއަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިރު ދެކުނުން ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައިވާ ސިޓީއެކެވެ. ނޮއިޑާ މެޓްރޯ ރެއިލްވޭ އަކީ ނިއުދިއްލީގެ މެޓްރޯ ރެއިލްވޭއާ ގުޅިފައިވާ ރެއިލްވޭ އެކެވެ.