ސްޕެނިޝް ލީގުގައި ރޭ އެލްޗޭ އަތުން 2-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލްއިން ނެވެ. އެ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ރެއާލް އަށް ކާމިޔާބު ކޮށްދިނީ ޕޯޗިގަލްގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ރޭގެ މެޗުގައި ރެއާލް މޮޅުކޮށްދިން ލަނޑު ވެސް މެޗުގެ އިތުރު މިނެޓުގައި ލިބުނު ޕެލަންޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް ރޮނާލްޑޯ އެވެ.

ރޭގެ މެޗުގައި އެލްޗޭއިން ރެއާލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ގާނާގެ 20 އަހަރުން ދަށުގެ ގައުމީޓީމުގެ ފޯވާޑް ރިޗްމޮންޑް ބޯކްޔޭ އެވެ.


ރޭގެ މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ، އެލްޗޭ އަކީ ވަރުގަދަ ޓީމެއްކަން ސާބިތުވެއްޖެ ކަމަށާއި އެޓީމާ ދެކޮޅަށް ކުޅުމަށް ރެއާލްގެ ކުޅުންތެރިންނަށް އުނދަގޫވި ކަމަށެވެ. އަދި މެޗުގައި ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ހެދުނު ކަމަށް ވެސް އެންޗެލޯތީ ބުންޏެވެ.

ރޭގެ މެޗުން ރެއާލް މޮޅުވުމުން ލީގުގައި އެޓީމް އަދި އޮތީ ތިން ވަނަ މަގާމްގައި 16 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއްވަނަ މަގާމްގައި އޮތް ޗެމްޕިއަން ބާސެލޯނާ އަށް 18 ޕޮއިންޓު ލިބިފައިވާ އިރު، ހަމަ އެއަދަދަށް ޕޮއިންޓު ހަމަކޮށްގެން ތިން ވަނަ މަގާމްގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ބާސާއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި ރޭ ރެއާލް އަތުން ބަލިވި އެލްޗޭ ލީގުގައި އޮތީ ތިން ޕޮއިންޓާއެކު 18 ވަނަ މަގާމްގަ އެވެ.