26 Sep 2013, 11:42
ގައުމީ ޔުނިވާސިޓީގައި މާސްޓާސް އޮފް ކޮމްޕިއުޓާ އެންޑް އިންފޮމޭޝަން ސައިންސް ފެށުމަށް ނިއުޒިލޭންޑުގެ އޯކްލަންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ (އޭޔޫޓީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި އޮތް ރަސްމިއްޔާތުގެ އެ އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު އެވެ. އޯކްލަންޑް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޯ ވައިސް ޗާންސެލަރު ޕްރޮފެސަރު ނިގެލް ހިމިންގްޓަން އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކޯހާ ބެހޭ ގޮތުން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިން (ޢެފްއެމްސީ)ގެ ޑީން ޝާތިފް އަލީ ވިދާޅުވީ މިއަދު ސޮއިކުރެވުނު ކޯހަކީ އޯކްލަންޑްގެ ފަރާތުން ރާއްޖޭގައި ހިންގާ ފުރަތަމަ ޕްރޮގްރާމް ކަމަށާއި ޕްރޮގްރާމުގައި ކިޔަވާ ދަރިވަރުން ރަޖިސްޓަރީ ކުރުމަށް ވެސް ހަމަޖެހިފައި ވަނީ އެ ޔުނިވާސިޓީގެ ނަމުގައި ކަމަށެވެ. އަދި އެކޯހުގައި ކިޔަވައިދެއްވާނީ އޯކްލޭންޑްގެ ޓީޗަރުންނާއި އެމްއެންޔޫގެ ޓީޗަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާތިފް ވިދާޅުވީ އެ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މިއަންނަ އަހަރުގެ ފުރަތަމަ ޓާމުގައި ކަމަށާއި ކޯހަށް ދެވިފައި ވަނީ ޖުމްލަ 25 ޖާގަ ކަމަށެވެ. އަދި ކޯހުގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށާއި ނަމަވެސް ކޯހުގެ ދެ އަހަރު ވެސް ވަކިވަކިން ކިޔެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކޯހުގެ ވަކި ހިސާބަކުން ނިއުޒިލޭންޑަށް ގޮސްގެން ވެސް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ކޯހުގެ ފީއަކީ އަހަރަކު 75000ރ. ކަމަށް ވެސް ޝާތިފް ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ އޭޔޫޓީގެ އިތުރު ކޯސްތަކެއް ފެށުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެގޮތުން މިއަންނަ އަހަރުގެ ދެ ވަނަ ޓާމުގައި އޭޔޫޓީގެ މާސްޓާސް އޮފް ޓުއަރިޒަމްގެ ކޯހެއް ފެށުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ފަސް ކެމްޕަހެއްގައި 40000 އެއްހާ ކުދިން ކިޔަވަމުންދާ އޯކްލޭންޑް ޔުނިވާސިޓީއަކީ ނިއުޒިލޭންޑުގައި ހުންނަ އެންމެ ބޮޑު ޔުނިވަސިޓީ އެވެ.