އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން ނޯޓިސް ހަވާލުނުކުރެވޭ ހަތަރު ޕާޓީއެއްގެ ނަން އިލެކްޝަން ކޮމިޝަނުން އާންމުކޮށްފި އެވެ.

އެ ޕާޓީތަކުގެ އޮފީސް ހުޅުވާފައި ނުހުންނާތީ ނޯޓިސް ނުދެވިގެން ނަން އާންމުކޮށްފައިވާ ހަތަރު ޕާޓީއަކީ ޕީޕަލްސް އެލަންޔްސް (ޕީއޭ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިތުރުން ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) އާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އެވެ.

ޖުމުލަ 11 ޕާޓީއަކަށް 10000 މެމްބަރުން ހަމަނުވެގެން ތިން މަސް ދުވަހުގެ ތެރޭގައި ހަމަކުރުމަށް ނޯޓިސް ދީފައި ވީނަމަވެސް ނޯޓިސް ދީފައިވާ 11 ޕާޓީ އަކީ ކޮބައިކަމެއް އަދި އެ ޕާޓީތަކުގެ ތެރޭގައި ހިމެނޭ މެމްބަރުންގެ އަދަދެއް އިލެންޝަނުން ބުނެފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ށ.ގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ އަދަދު ކޮންމެ ހަ މަހަކުން އެއްފަހަރު ކޮމިޝަނުން ބަލައި ކަށަވަރުކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު އެ މާއްދާގެ ނ.ގައި ބުނަނީ 10،000 މެމްބަރުން ހަމަނުވާ އެއްވެސް ޕާޓީއެއް އޮވެއްޖެކަން ކޮމިޝަނަށް ފާހަގަކުރެއްވިއްޖެ ނަމަ 10،000 މެމްބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ބަޔާންކޮށްފައިވެ އެވެ.

ކުދި ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލުމަށް ގާނޫނުގައި ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ ސިޔާސީ ޕާޓީ ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު މިނިވަން ދިމިގްރާތީ މުޖުތަމައުގައި ލިބިދެވޭ މިންވަރަށް ވުރެ ބޮޑަށް ހަނިކުރެވިފައިވާކަން އެ ގާނޫނަށް ބެލުމުން އެނގޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 10،000 މެންބަރުންގެ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައިވާ ބަޔާންކޮށްފައިވާ މާއްދާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.