26 Sep 2013, 10:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނަކާ އެކު، ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުޑަ ކޮމެޓީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް އިއްޔެ އައްޔަން ކުރެއްވި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު މިއަދު ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯގެ މައްސަލަ ތަހުގީގު ހުއްޓިފައިވާ މައްސަލާގައި މިރޭ 8:30 އަށް ޖޭއެސްސީގެ ކުޑަ ކޮމެޓީ މަޖިލީހަށް ހާޒިރު ކުރާނެ ކަމަށެވެ. އަދި އެ ކޮމެޓީގެ މެންބަރުން ދެއްވާ މައުލޫމާތުގެ މައްޗަށް ރިޔާއަތްކޮށް، ޖޭއެސްސީގެ ހުރިހާ މެންބަރުން ކޮމެޓީ އަށް ހާޒިރުކޮށް، އެ މައްސަލާގައި ޖަވާބުދާރީ ކުރުވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯ ތަހުގީގު ކުރާ ކޮމެޓީން ޖޭއެސްސީގެ ދެ މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެއީ އެ ކޮމެޓީގެ ރައީސް އަބްދުﷲ ދީދީ އާއި އެ ކޮމެޓީގެ މެމްބަރު ލަތީފާ ގާސިމެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވުމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އަހުމަދު ރަޝީދާއި ގާނޫނީ ދާއިރާގެ ދެ ބޭފުޅުން ކަމަށްވާ ހުސައިން ސިރާޖާއި މުހައްމަދު އަނިލެވެ.
އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯގެ ތަހުގީގު ހުއްޓިފައިވާ އިރު، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އަލީ ހަމީދު ވާހަކަ ދައްކަވާ ވީޑިއޯއަކާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރާ ބައްދަލު ކުރައްވަން އިންނަވާ ވީޑިއޯގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެމްޑީޕީގެ މެޖޯރިޓީ ލިބިފައިވާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިއަދު މެންދުރުފަހު އިލެކްޝަންސް ކޮމިޝަން ވެސް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުނަށް ހަށިފާރަވެރިވާ ސަލާމަތީ ބާރުތައް ވެސް ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.
ސަލާމަތީ ބާރުތަކުގެ ބޭފުޅުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރު ކުރަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ސެކިއުރިޓީ ދިނިމުގައި ސަލާމަތީ ބާރުތަކުން އިހްމާލުވާ ކަމަސް ތުހުމަތުކުރެވިގެން ކަމަށްވެ އެވެ.