24 Nov 2010, 05:32
އިޒްރޭލުގެ ޕާރލަމެންޓުން އިއްޔެ ފާސްކުރި އާ ޤާނޫނެއްގެ ސަބަބުން އަނެއްކާވެސް އިޒްރޭލާއި ފަލަސްޠީނާ ދެމެދުގައި ސުލްޙަ ޤާއިމުކުރުމުގެ މަސައްކަތްތައް އިތުރަށް އޮޅުންބޮޅުން ވެގެން ދާނެކަމަށް ބެލެވެއެވެ. ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާރޓީގެ މެމްބަރަކު ހުށަހަޅައި، ލިކޫޑް ޕާރޓީގެ ބޮޑު ތާއީދަކާއެކު ފާސްކުރެވުނު މި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ޢަރަބީންނާއެކު ސުލްޙަވުމަށްޓަކައި ހިފާފައިވާ ބިންތަކުގެ ތެރެއިން އެއްވެސް ބިމެއް އަނބުރައި ޢަރަބީންނަށް ދިނުމުގެ ނިންމުމެއް ނިންމޭނީ ޕާރލަމެންޓު ނެސެޓްގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން އެ ނިންމުމަށް ތާއީދު ކުރުމުން، ނުވަތަ އެ ނިންމުން އިޒްރޭލުގެ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ހުށަހަޅައި ރައްޔިތުން އެ ނިންމުމަށް ތާއީދުކޮށްފި ނަމައެވެ.
އިޒްރޭލުގެ ވަރަށް ބޮޑު ބަޔަކީ ޢަރަބީންގެ އަތުން އެކިއެކި ހަނގުރާމަތަކުގައި ފޭރިގެންފައިވާ ބިންތަކެވެ. ޚާއްސަގޮތެއްގައި 1967 ވަނަ އަހަރު ކުރެވުނު މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިގައި ފޭރިގަތް ބިންތަކެވެ. މި ބިންތަކަކީ އދ. ގެ ބައިކުރުމުގެ ޤަރާރުގެ ދަށުން އެންމެ ފުރަތަމަ ދުވަހުއްސުރެވެސް ފަލަސްޠީނާއި ޢަރަބި އެހެން ޤައުމުތަކުގެ ބިންތައް ކަމުގައި ހަމަޖައްސާފައިވާ ބިންތަކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ގޯލާން ހެއިޓްސްއާއި އިރުމަތީ ޤުދުހާއި ހުޅަނގު އައްސޭރި ފަދަ ސަރަޙައްދުތަކެވެ. ނަމަވެސް މިއަދު މީގެ ތެރެއިން ގިނަ ހިސާބުތަކަކީ އިޒްރޭލުގެ ޔަހޫދީންގެ އާބާދީތައް އެ ސަރަޙައްދުތަކުގައި ޤާއިމުކުރެވިފައިވާ ހިސާބުތަކެވެ. އެހެންކަމުން އިޒްރޭލުގެ މަޤުޞަދަކީ އެ ބިންތައް ގަދަބާރުން އެޤައުމުގެ ސަރަޙައްދުތަކެއް ކަމުގައި ދާއިމީ ގޮތެއްގައި ބޭއްވުންކަމީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ބައިނަލް އަޤުވާމީ ޤާނޫނުތަކާއި ދުނިޔޭގެ އިލްތިމާސްތަކާއި އދ. ގެ ޤަރާރުތަކަށް ގޮންޖަހާފައި އިޒްރޭލުން އެ ޤައުމުގެ އަމިއްލަ އެދުން އިސްކޮށްގެން އުޅޭ އުޅުމަށް އަދަބެއް ނުލިބި އޮންނަ ކަމީ އަދި އެހެން ކަމެކެވެ.
ފަލަސްޠީނުން އަބަދުވެސް ބުނަމުން ގެންދަނީ އިޒްރޭލާއެކު ދާއިމީ ސުލްހައަކަށް އެއްބަސްވެވޭނީ އިޒްރޭލުގެ މަނަހާއި ބާރުގެ ދަށަށް ގެންދެވިފައިވާ ފަލަސްޠީނުގެ ބިންތައް އަނބުރައި ދިނުމުން ކަމުގައެވެ. ނަމަވެސް މިއީ އިޒްރޭލުން އަބަދުވެސް ދެކޮޅުހަދާ ކަމެކެވެ. އަދި މިހާރު ފާސްކުރެވުނު އާ ޤާނޫނުގެ ސަަބަބުން ފަލަސްޠީނުގެ ބިން އަނބުރައި ފަލަސްޠީނަށް ދިނުމުގެ ކަންތައް އިތުރަށް އުނދަގޫވެގެން ދާނެއެވެ. އެހެނީ މިހާރު އޮތް ގޮތުން އިޒްރޭލު ސަރުކާރަކަށްވެސް ސުލްހައިގެ ބަދަލުގައި ފަލަސްޠީނުގެ ބިން އަނބުރައި ފަލަސްޠީނަށް ހަވާލުކުރުމުގެ ނިންމުމެއް ނުނިންމޭނެއެވެ. އެފަދަ ކޮންމެ ނިންމުމެއްވެސް ނެސެޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާން ޖެހޭނެއެވެ. ނުވަތަ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ފޮނުވައިގެން، ރައްޔިތުންގެ އަޣުލަބިއްޔަތުން އެ ނިންމުން ތަސްދީގުކުރަން ޖެހޭނެއެވެ.
އިޒްރޭލު އުފެދުނުފަހުން މިހާތަނަށް އެއްވެސް މައްސަލައެއްގައި އިޒްރޭލުގައި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގައިފައެއް ނުވެއެވެ. އަދި އަލަށް ފާސްކުރެވުނު ޤާނޫނުގައިވެސް އެފަދަ ވޯޓެއް ނެގޭނެ ގޮތްތަކާއި އުސޫލުތައް ކަނޑައެޅިފައެއް ނެތެވެ. މާނައަކީ މިފަދަ ވޯޓެއް ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތައްވެސް ފުރަތަމަ ފަހަރަށް އެކުލަވާލަން ޖެހުމެވެ. މިއީވެސް ދުވަސްތަކެއް ނަގާނެ ކަމެއް ކަމަށް ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. އިއްޔެ 65 ވޯޓު 33 ވޯޓުން ފާސްކުރެވުނު ޤާނޫނު ޕާރލަމެންޓަށް ހުށަހެޅުމުގައި ނަތަންޔާހޫއާއި އޭނާގެ ޕާރޓީގެ މަގުސަދަކީ ކުރިޔަށް އޮތް ތަނުގައިވެސް ސުލްހައިގެ ބަދަލުގައި ފަލަސްތީނުގެ ބިން ފަލަސްތީނަށް ދިނުން އިޒްރޭލުގެ އެހެން ސަރުކާރުތަކަށްވެސް އުނދަގޫކުރުން ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.
އިއްޔެ ފާސްކުރެވުނު ޤާނޫނަކީ އިޒްރޭލުގެ ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ފާސްކުރެވުނު މުހިއްމު ޤާނޫނެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއެވެ. އޭނާގެ ނަޒަރުގައި މި ޤާނޫނުގެ ސަބަބުން އިޒްރޭލުގެ ސަރަހައްދުން ބައެއް ޢަރަބީންނަށް ދޫކުރުމުގެ ނިންމުމެއް ނިންމޭ ހިނދު، އެ ނިންމުމަކީ މުޅި ޤައުމުގެ ނިންމުމެއްކަމަށް ވާނޭ ކަމުގެ ޔަޤީންކަން ލިބިގެން ހިނގައްޖެއެވެ. އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާގޮތުން އިޒްރޭލުގެ ރައްޔިތުންނަކީ ވިސްނޭ، ތަންދޮރުދަންނަ، އަދި ޒިންމާދާރު ބަޔަކަށް ވާތީ މިފަދަ ޙާލަތެއްގައި ރައްޔިތުން ނިންމާނީ ޤައުމަށް އެންމެ ފައިދާހުރި ނިންމުމެކެވެ.
އަނެއްކޮޅުން، އިޒްރޭލުގެ ޕާރލަމެންޓުގެ ތެރެއިން ވެސް މި ޤާނޫނަށް ދެކޮޅު ހަދާ ފަރާތްތައް ވަރަށް ބޮޑަށް އެ ޤާނޫނަށް ފާޑުކިޔައެވެ. އެފަދަ ފަރާތްތައް ދެކޭ ގޮތުގައި މި ޤާނޫނު ހުށަހަޅައި ފާސްކުރުވުމުގައި ނަތަންޔާހޫގެ ޕާރޓީގެ މަޤުޞަދަކީ ނަތަންޔާހޫ ހުރިހާ ޕްރެޝަރަކުން ސަލާމަތް ކުރުމެވެ. ފަލަސްޠީނާއި ސީރިޔާފަދަ ޤައުމުތަކުން އިޒްރޭލުގެ ބާރުގެ ދަށަށް ގެނެވިފައިވާ ބިންތައް އަނބުރާ ޢަރަބީންނަށް ދޭން ދުނިޔޭގެ ޤައުމުތަކުން ބާރުއަޅާ ދަނޑިވަޅުތަކުގައި ދުނިޔޭގެ ނުފޫޒާއި ޕްރެޝަރުގެ ކުރިމަތީގައި ހުއްޓިވަޑައިގަންނަވަން ނަތަންޔާހޫއަށް ނުޖެހޭގޮތް ހެދުމެވެ. އެހެނީ މިހާރު ޤާނޫނު އޮތް ގޮތުން އެފަދަ ނިންމުމެއް ނިންމައި ތަންފީޒުކުރެވޭނީ ނެސެޓް ނުވަތަ ރައްޔިތުންގެ އަޣުލަބިއްޔަތާ އެއްގޮތަށެވެ. އެހެންކަމުން ސަރުކާރަށް އެ ނިންމުމަކީ ސަރުކާރުގެ ނިންމުމެއް ނޫންކަމަށް ބުނެ ބޯދަމައިގަނެވިދާނެއެވެ. މިހެން ވިދާޅުވެ ނަތަންޔާހޫއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅަކީ އިދިކޮޅު މެރެޒް ޕާރޓީގެ ލީޑަރ ހާއިމް އޮރޯނެވެ. އޭނާގެ އިތުރުން އިދިކޮޅު ކަދީމާ ޕާރޓީގެ ލީޑަރ ޒިޕީ ލިވްނީވެސް ވަނީ އެކަމަނާގެ ޕާރޓީގެ މެމްބަރުންނަށް ނަތަންޔާހޫގެ ޕާރޓީގެ ފަރާތުން ފާސްކުރުވި މި ޤާނޫނާ އިދިކޮޅަށް ތެދުވުމަށް ގޮވައިލައްވާފައެވެ. ޕާރލަމެންޓުގައި މި ޤާނޫނަށް އިދިކޮޅު ހެއްދެވި މެންބަރުންގެ ތެރެއިން 28 މެމްބަރުންނަކީވެސް އެ ކަމަނާގެ ޕާރޓީގެ މެމްބަރުންނެވެ.
ނަތަންޔާހޫގެ މަޤުޞަދަކީ ދުނިޔޭގެ ޕްރެޝަރުން އެއްކިބާވެވަޑައިގެން ހުންނެވުމާއި، ސުލްހައިގެ ދޮރު ބަންދުކޮށް، ސުލްހައާ ހަމަޔަށް ހިނގަން އޮތް މަގު ވީހައިވެސް ހަނިކުރުންކަމާމެދަކު ޝައްކެއް ނެތެވެ. އަދި އޭނާއާއި، އޭނާ ފަދަ ހަރުކަށި ލީޑަރުންގެ މަގުސަދުތައް ހާސިލުވަމުންދާނެކަމާމެދަކުވެސް މާކަބޮޑު ޝައްކެއް ނެތެވެ. އިޒްރޭލުން ކޮންމެ ގޮތަކަށް އަމަލުކުރިޔަސް އޭގެ ބަދަލުގައި އިޒްރޭލާ ދެކޮޅަށް އެކަށީގެންވާފަދަ ފިޔަވަޅުތަކެއް ނޭޅޭނެކަން އެންމެންނަށްވެސް އެނގެއެވެ. އެހެނީ އެމެރިކާ އޮތީ އިޒްރޭލާ އެކުގައެވެ. ޔޫރަޕިއަން ޔުނިއަނުން އިޒްރޭލާ ދެކޮޅަށް ބައެއް ފަހަރު ފަހަރު ހަރުކަށި ބަސްތަކެއް ބޭނުންކުރިނަމަވެސް، ޔޫރަޕުގެ ޤައުމުތައްވެސް ފަލަސްޠީނީ ޢަރަބީންގެ ޙައްޤުތަކުގެ ދިފާޢުގައި އިޒްރޭލާ ދެކޮޅަށް ތެދުވާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން މަސްރަހުން ފެންނަމުންދާ މަންޒަރުގެ ތަފްސީރަކީ ފަލަސްޠީނުގެ ކުރިމަތީގައި ހަތަރު އުދަރެސް ފެނުޖެހެމުންދިޔުމެވެ. ނުވަތަ ވަރުގަދަ ކުރިމަތިލުމަކަށް މަގު ހުޅުވެމުން ދިޔުމެވެ.
އަލަށް ފާސްކުރެވުނު ޤާނޫނާ ދެކޮޅަށް ފަލަސްޠީނުގެ ލީޑަރުންވަނީ ވާހަކަފުޅުދައްކަވާފައެވެ. ސުލްޙައިގެ ވާހަކަތަކުގައި ފަލަސްޠީނު ތަމްސީލުކުރައްވާ އިސް ބޭފުޅާ ކަމުގައިވާ ސާއިބު އުރައިޤާތު ވިދާޅުވިގޮތުގައި އިޒްރޭލުގެ ޕާރލަމެންޓުން ފާސްކުރި ޤާނޫނަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ކުރެވުނު ފުރައްސާރައެކެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީނުގެ ބިން ގަދަބާރުން ފޭރިގަނެގެން އޮންނަ އޮތުން ނިމުމަކަށް ގެނައުމަކީ އިޒްރޭލުގެ ވާޖިބެކެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކުން އިޒްރޭލަށް މަޖުބޫރުކުރާ ކަމެކެވެ. އެހެންކަމުން އެކަން ކުރެވޭނީ އިޒްރޭލުގެ ޕާރލަމެންޓުގެ ވަކި މިންވަރެއްގެ އަޣުލަބިއްޔަތަކުން ނުވަތަ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ކަމަށް ބުނުމަކީ ހެއްވާ ކަމެކެވެ. ސާއިބު އުރައިޤާތު ވަނީ އިޒްރޭލުގެ ބޯހަރުކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްވެސް ބައިނަލް އަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. ނަމަވެސް މިފަދަ ގޮވައިލެއްވުންތައް ފަލަސްޠީނުގެ ލީޑަރުން ގޮވައިލައްވާތާ ފަންސާސް އަހަރު ފުރިގެން ހިނގައްޖެއެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން އެ ގޮވައިލުންތަކަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ. އެހެންވިއްޔާ، މިއަދު ނުވަތަ މާދަމާ އެ ގޮވައިލުމަށް އިޖާބައެއް ލިބިދާނެކަމުގެ އުއްމީދެއް އެބައޮތް ބާވައެވެ!
ޙަޤީޤަތް ވަރަށް ސީދާ ސާދާއެވެ! މިއަދުގެ ދުނިޔޭގައި ބާރު އޮތީ ހުޅަނގުގެ ޤައުމުތަކަށެވެ. އެ ޤައުމުތަކަކީ ޔަހޫދީންނާއި ނަޞާރާއިންގެ އިއްތިޙާދެކެވެ. އެވެރީން އިއްތިޙާދެއް ހަދައިގެން އުޅެނީ އެންމެ ބޭނުމެއްގައެވެ. އިސްލާމީ ދުނިޔޭގެ މައްޗަށް ބާރު ހިންގުމުގެ ބޭނުމުގައެވެ. އިސްލާމީ އުއްމަތް އިނދަޖައްސާފައި ބޭއްވުމުގެ ބޭނުމުގައެވެ. އެހެންކަމުން ފަލަސްޠީނުގެ ދައުލަތެއްގެ ހުވަފެން އަބަދުވެސް އޮންނާނީ ހުވަފެނެއްގެ ގޮތުގައެވެ. އެ ހުވަފެން ޙަޤީޤަތަކަށްވާނީ މުޢުޖިޒާތަކުން ތޯއްޗެކެވެ!