ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔަނަލް މެސީ ކުޅޭ މެޗުތަކުގައި ބަދަލުގައި އެހެން ކުޅުންތެރިއަކަށް ފުރުސަތު ދިނުމަށްފަހު އޭނާ ފައިބަން އެއްވެސް އިރަކު ބޭނުން ނުވާކަމަށް ބާސާގެ ގޯޗު ޖެރާޑޯ މާޓީނޯ ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ބާސާ އެންމެ ފަހުން ރެއާލް ސޮސިޑާޑްއާ ދެކޮޅަށް ކުޅެ 4-1 އިން މޮޅުވި މެޗުގައި މެސީގެ ބަދަލުގައި އެހެން ކުޅުންތެރިއަކު އެރުވުމުން އޭނާ ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"މެސީ ބޭނުމެއް ނުވޭ ފައިބާކަށް. އެކަމަކު އަހަރެންގެ ޒިންމާއެއް ކުޅުންތެރިން ބެލެހެއްޓުމަކީ،" ބާސާ ކޯޗު ބުންޏެވެ. "މިހާރެކޭ އެއްގޮތަށް އަހަރެމެން މެސީ ބޭނުން ސީޒަންގެ ފަހުކޮޅުގައިވެސް. އަހަރެންގެ ވިސްނުން ބަދަލެއް ނުކުރެވޭނެ."

ބާސާގެ ކުޅުންތެރިން އެ މެޗުގައި ޖުމުލަ ގޮތެއްގައި ދެއްކި ކުޅުމަށް ތައުރީފް ކުރަމުން މާޓީނޯ ބުނީ، އޭނާގެ ވިސްނުން އަބަދުވެސް ބަހައްޓަނީ ދިގުމުއްދަތަކަށް ޓީމު ކުރިއަށް ގެންދެވޭނޭ ގޮތަކަށް ކަމަށެވެ.

ސޮސިޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ބްރެޒިލް ތަރި، ނޭމޭ ވަނީ އޭނާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ.

"ނޭމާއަކީ އާދަޔާ ހިލާފަށް މޮޅު ތަފާތު ކުޅުންތެރިއެއް. އޭނާ މިޓީމުގައި މަސައްކަތް ކުރާލެއް ބުރަކަމުން އަހަރެމެން ހައިރާންވޭ،" މާޓީނޯ ބުންޏެވެ.