އިނގިރޭސި ލީގު ކަޕްގައި ރޭ 1-0 އިން ލިވަޕޫލް ބަލިކޮށް އެ މުބާރާތުގެ ހަތަރުވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު މެޗުގެ ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ހަވިއާ ހެނާންޑޭޒް އެވެ.

ކެޕިޓަލް ވަން ކަޕްގައި ރޭ ކުޅުނު ފޯރިގަދަ އެ މެޗުގައި ލިވަޕޫލްގެ އުރުގުއޭ ތަރި، ލުއިސް ސުއަރޭޒް ވެސް ވަނީ ކުޅެފަ އެވެ. ޗެލްސީގެ ޑިފެންޑަރު ބްރަނިސްލޮވް އިވަނޯވިޗްގެ އަތުގައި ދަތް އެޅުމުގެ ސަބަބުން 10 މެޗުގެ ސަސްޕެންޝަނަކަށް އެނބުރި އައިއިރު ރޭގެ މެޗުގައި ވެސް އޭނާވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން މެޗުގެ ފަހު ކޮޅުގައި އޭނާ ފޮނުވާލި ބާރު ހިލޭ ޖެހުން ފާހަގަ ކޮށްލެވެ އެވެ. ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ލިބުނު އެ ރީތި ފުރުސަތު ގޮސް އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ނޯވިޗް ސިޓީއާ އެވެ. ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 28ގަ އެވެ.