ބެންކޮކް (ސެޕްޓެމްބަރ 26): ތައިލެންޑަށް ބޯކޮށް ވާރޭވެހެމުންދާތީ ވެރިރަށް ބެންކޮކާއި އެގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ނުވަ މީހަކު މަރުވެއްޖެ އެވެ.

ކާރިސާތަކާ ބެހޭ ތައިލެންޑްގެ އިދާރާ އިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ނު މީހަކު މަރުވެ އެތައް ބަޔަކު ގެއްލި މިލިޔަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމުގަ އެވެ. ފެންބޮޑުވި ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ބެންކޮކް ހިމެނުނު ނަމަވެސް ބެންކޮކްގެ ވިޔަފާރި މަރުކަޒުތަކާއި ސިނާޢީ ސަރަހައްދުތައް ވަނީ ސަލާމަތުން ކަމަށާ އެ ސަރަހައްދުތަކަށް ފެނުގެ އަސަރު ކުރިޔަ ނުދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ސިފައިންގެ އެހީގައި ކުރަމުން ގެންދާކަމަށް ތައި ސަރުކާރުން ބުނެ އެވެ. ނަމަވެސް ތައިލެންޑްގެ އިޔުތާޔާ ސަރަހައްދުގައިވާ ސިނާޢީ މަރުކަޒުތަކަށް ފެނުގެ އަސަރުކޮށްފާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް ޚަބަރުލިބެ އެވެ. މިއީ ބެންކޮކްގެ އުތުރުން 80 ކިލޯ މީޓަރު ދުރުގައިވާ ސަރަހައްދެކެވެ.

ތައިލެންޑަށް ވިއްސާރަކުރަމުން މިދަނީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ތޫފާނެއްގެ އަސަރު ކުރުމާގުޅިގެން ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާ އިން ބުނެ އެވެ. މިގޮތުން އަންނަ ހަފްތާގައި ވެސް ގަދައަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށް ތައި، މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. މިދިޔަ އަހަރު ވެސް ތައިލެންޑަށް ވިއްސާރަކުރުމާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވި އެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެގައުމަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ 2011 ވަނަ އަހަރު އެވެ.

އެއަހަރު ތައިލެންޑްގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން 800 މީހުން މަރުވެ އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހުނެވެ. އަދި ބެންކޮކްގެ ސިނާއީ ސަރަހައްދުތަކަށް ވެސް ފެނުގެ އަސަރު ކުރުމާގުޅިގެން އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުންތައްލިބި ތައިލެންޑްގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު 0.1 އިންސައްތައަށް ދަށަށް ދިޔަ އެވެ. (ރޮއިޓާސް)