ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ލިޔެފައިވާ ތިން ފޮތެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ރޭ ނެރެދެއްވައިފި އެވެ.

ނަޝީދު އެ ފޮތްތައް ނެރެދެއްވާފައި ވަނީ ރޭ މާލޭ ސިޓީ ކައުންސިލްގެ އިދާރާގާއި ބޭއްވި ހަފްލާއެއްގަ އެވެ.

ޔޫސުފް ޔޫޝާ ކިޔާ މީހަކު ލިޔެފައިވާ "ދެ ޕާޓީ ޑިމޮކްރަސީ" ފޮތް ނަޝީދު ނެރެދެއްވުމުން ޔޫސުފް ބުނީ "ދެ ޕާޓީ ޑިމޮކްރަސީ" ފޮތުގައި ހިމަނާފައިވާ ވާހަކަތަކުގެ ތެރޭގައި ރާއްޖޭގެ ރިޔާސީ ނިޒާމަށް ތަންދެނީ ދެ ޕާޓީކަމަށް ފާހަގަކޮށް ލިޔެފައިވާ ލިޔުންތައް ހިމެނިފައިވާނެ ކަމަށެވެ.

އަނެއް ފޮތަކީ އާސިފާ ބަޝީރު ކިޔާ އަންހެނަކު ލިޔުނު "ސަރާސަރު ބަޣާވާތް" ފޮތެވެ. އާސިފާ ބުނީ އެ ފޮތުން "ވެރިކަން ވައްޓާލުމުން" ދިވެހިންނަށް މިނިވަންކަން ގެއްލުނު ކަމަށެވެ.


ތިން ވަނަ ފޮތަކީ އަލީ ފަހުމީ އަހުމަދު ލިޔެފައިވާ "އައްޑޫ ގަން ހިންގުން" ފޮތެވެ. ފަހުމީ ބުނީ އެ ފޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ 30 އަހަރުގައި އަދި މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އައްޑޫ އަށާއި ގަމަށް އިޖްތިމާއީ އަދި ދީނީ ގޮތުން ކޮށްދީފައިވާ ކަންކަން ހިމަނާފައިވާނެ ކަމަށެވެ.