26 Sep 2013, 09:33
ނައިރޫބީ (ސެޕްޓެމްބަރ 26): ކެންޔާގެ ވެސްޓްގޭޓް ވިޔަފާރި މަރުކަޒަށް ދިން ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ ގައުމަށް އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެގައުމުގެ ރައީސް އުހޫރޫ ކެންޔާޓާ ތިން ދުވަހުގެ ރަސްމީ ހިތާމަ އިޢްލާން ކުރައްވައިފި އެވެ.
ކެންޔާގެ ރައީސް ވިދާޅުވީ ގައުމަށް ފޫބައްދަން ދަތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާ މިކަމުން އަރައިގަތުމަށް ގައުމުގައި އެއްބައިވަންތަކަން ގާއިމްކުރަން ޖެހޭ ކަމުގަ އެވެ. ވެސްޓް ގޭޓް ވިޔަފާރި މަރުކަޒަށް ދިން ޙަމަލާތަކާ ގުޅިގެން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކެންޔާޓާ ވިދާޅުވި އެވެ.
މީގެ ހަތަރު ދުވަސްކުރިން ވެސްޓް ގޭޓް ވިޔަފާރި މަރުކަޒަށް ދިން ޙަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމާއި އެހަށިތަކުގެ ފޮރިންސިކް ތަހްލީލުތައް ކުރުމުގައި އެމެރިކާއި އިސްރާއީލާ އަދި އިނގިރޭސިވިލާތުގެ ތަޖްރިބާކާރުން ބައިވެރިވަމުންދާ ކަމަށް ކެންޔާ ސަރުކާރުން ބުނެ އެވެ.
ކެންޔާ ގެ މަސްއޫލުވެރިއެކު ވިދާޅުވީ މިޙަމަލާތަކުގައި 72 މީހުން މަރުވެފައިވާ އިރު އޭގެތެރެއިން ބައެއްމީހުންގެ ހަށިތައް، ވެއްޓިފައިވާ ކޮންކްރީޓް ތަކުގެ ދަށުގައިވެފައިވާ ކަމަށާ އަދި މަރުވެފައިވާ ގިނަ މީހުންނަކީ ކޮންގައުމުތަކެއްގެ ކޮންބައެއްކަން ނޭންގޭތީ އެމީހުންގެ ހަށިތަކުގެ ފޮރިންސިކް ތަހްލީލުތަކެއް ކުރަންޖެހޭ ކަމުގަ އެވެ. ވެސްޓް ގޭޓްގެ ޙަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމާއި އެހަށިތަކުގެ ފޮރިންސިކް ތަހްލީލު ކުރަނީ ކެންޔާ ފުލުހުން ކަމަށާ ބޭރުގެ ތަޖްރިބާކާރުން މިކަމުގައި އަދާކުރަނީ ކެންޔާ ފުލުހުންނަށް ފަންނީ ގޮތުން އެހީތެރިވުމުގެ ދައުރެއް ކަމަށް ވެސް ކެންޔާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ކެންޔާގެ ވެސްގޭޓްގެ ޙަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ ސޮމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައްޝަބާބް ޖަމާއަތުންނެވެ. ވެސްޓްގޭޓް ވިޔަފާރި މަރުކަޒަށް ދިން ޙަމަލާތަކުގެ ޒިންމާ އުފުލަމުން އައްޝަބާބް މޫމެންޓުން ވަނީ މިއީ ކެންޔާގެ ސިފައިން ސޮމާލިޔާ އަށް އަރައި ހިންގަމުން ގެންދާ ޖަރީމާތަކާ ދެކޮޅަށް ހިންގި ބަދަލުހިފުމުގެ ޢަމަލެއް ކަމަށް ސިފަކޮށްފަ އެވެ. އަދި ކެންޔާ ސިފައިން ސޮމާލިޔާ އިން ނުފައިބާ ނަމަ މުސްތަގްބަލްގައި ވެސް ކެންޔާގެ އަމާޒުތަކަށް މިފަދަ ޙަމަލާތައް ދޭނެކަމުގެ އިންޒާރު އައްޝަބާބް ޖަމާއަތުން ދީފައިވެ އެވެ.
ނައިރޫބީގައި ހުންނަ މަޝްހޫރު "ވެސްޓްގޭޓް" ވިޔަފާރި މަރުކަޒަކީ ކެންޔާގެ މުއްސަނދިންނާއި އެގައުމުގައި އުޅޭ ޑިޕްލޮމޭޓުން ފަދަ ބޭރު މީހުންނާއި ޓޫރިސްޓުން ވިޔަފާރިކުރާ އެންމެ ބޮޑު މަރުކަޒެވެ. (ރޮއިޓާސް)