26 Sep 2013, 00:39
އއ. ރަސްދޫގައި މިރޭ ކުރިއަށް ދިޔަ އެމްޑީޕީ އެއްވުމެއްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ތިން ފުލުހަކާ މެދު މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަސްދޫ ކޯޓު ސަރަހައްދުގައި ބަޔަކު އެއްވެގެން އުޅެނިކޮށް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ތިން ފުލުހަކާ މެދު އެއްވެ ތިބި މީހުން މަރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ މާރާމާރީގެ ސަބަބުން ތިން ފުލުހުންނަށް ވެސް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރަސްދޫން ވާހަކަ ދެއްކި މީހަކު ބުނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ދެކޮޅަށް މިރޭ 9:00 އެހައިކަންހާއިރު އެރަށުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ހަރަކާތްތެރިވި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރަސްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.