ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ނެކުސްބިޒް އިން އާބިޓުރޭޝަން އަކަށް ދިއުމަށް ނިންމައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ "ސަން" އޮންލައިނަށް ވިދާޅުވީ ނެކުސްބިޒް އެއްބަސްވުން އުވާލުމުން އޭގެ ބަދަލު ހޯދުމަށް ތަފާތު ބިލްތައް އިމިގުރޭޝަނަށް ފޮނުވަމުންދާ ކަމަށެވެ. އަދި އާޒިބިޓްރޭޝަންއަކަށް ދިއުމަށް ނެކުސްބިޒް އިން ތިން މަސް ދުވަހުގެ ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ.

ނެކުސްބިޒް އިން އާބިޓުރޭޝަންގައި އެދުނީ ކިހާވަރެއްގެ ބަދަލެއްކަމެއް ކޮންޓުރޯލާ ވިދާޅެއްނުވެ އެވެ.

"ނެކުސްބިޒް ސިސްޓަމް އެވަނީ އެއްލާލާފައި. މިއީ 20 އަހަރަށް ހަދާފައިވާ އެގްރިމެންޓެއް، ދެން އެފަރާތުން ވެސް އުޅޭނެ ދޯ ބަދަލުހޯދަން،" ކޮންޓްރޯލާ ވިދާޅުވި އެވެ.

ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު މީގެ ކުރިން ވިދާޅުވެފައި ވަނީ ނެކްސްބިޒް މައްސަލާގައި ދައުލަތަށް އޮތް ދަތިކަން ނެކްސްބިޒް އަށް އެނގޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އަދި އާބިޓްރޭޝަންއަކަށް ދާންޖެހުނަސް ނެކުސްބިޒްގެ އެގްރިމެންޓް ކުރިއަށް އޮތް 20 އަހަރަށް ކުރިއަށް ގެންގޮސްގެންވާ ބުރައަށް ބަލާ އިރު އާބިޓުރޭޝަން އަށް ގޮސްގެން އަންނާނެ ބުރަދަން ބޮޑުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން އިންޓަނޭޝަނަލް ޓެންޑާއަކުން ނެކްސްބިޒްއާ ހަވާލުކޮށް، އެގްރިމެންޓުގައި ސޮއިކުރީ އޮކްޓޯބަރު 17، 2010ގަ އެވެ.