25 Sep 2013, 23:43
ޖަމިއްޔަތުއް ސަލަފާ މެދު އޮތް އިތުބާރު ގެއްލުވާލުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ޖަމިއްޔަތުއްސަލަފުން ކުށްވެރިކޮށްފި އެވެ.
ސަލަފުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "އަންދަލުސްގެ"ނަމުގައި ސަލަފުން ބޭއްވި ދަރުސާ މެދު ތަފާތު އެކި ދޮގު ވާހަކަތައް ފަތުރައި ދަރުސާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް އެމްޑީޕީން ކުރަމުންދާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ އަންދަލުސް ދަރުސްގައި ދޭންބޭނުންވި މެސެޖަކީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން އެކަމެއްގެ މައްޗަށް ހުއްޓިފައިވާ މާތްވެގެންވާ އިސްލާމީ ދީން މިގައުމުން ބީކޮށް، އެހެންދީންތަކަށް އަގުލަބިއްޔަތުދީ ގައުމުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާކަން ޔަގީންވެ ކަށަވަރުވެފައި ވާތީ އެކަމާ ސަމާލުވުމުގެ މެސެޖް ކަމަށެވެ. އަދި އެފުރުސަތު ތަނަވަސް ކުރާ މީހުންގެ ތެރޭ ނުވުމަށް ނަސޭހަތްތެރިވުން ކަމަށެވެ.
ބަޔާނުގައި އަދި ބުނީ އަންދަލުސް ދަރުސަކީ ޑރ. އަފްރާޝީމުގެ ގަތުލުގެ ޒިންމާ އެ ޖަމިއްޔާގެ ފަރާތުން އެއްވެސް ބައެއްގެ ބޮލުގައި އަޅުވަން އިންތިޒާމުކޮށްފައިވާ ދަރުސްއެއް ނޫން ކަމަށެވެ.
ސަލަފުން އަދި ބުނީ އެ މައްސަލަ އެއްވެސް ޕާޓީއެއްގެ ބޮލުގައި އަޅުވާފައިނުވާ އިރު، އެކަމާ އަމިއްލަ އަށް އެމްޑީޕީން ހަވާލުވެ ބަޔާން ނެރުމަކީ އެކަމާ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. ދީނީ ދަރުސަކާ މެދު ދީނީ ތައުލީމު ނެތް ފަރާތްތަކުން އިއުތިރާޒުކޮށް މައްސަލަބަލައި، މުހާކަމާކުރުމުގެ ހައްގު އޮންނާނީ ކޮން ހައިސއްޔަތަކުންތޯ ވަނީ ސަލަފްގެ ބާޔާނުގައި ސުވާލުއުފައްދާފަ އެވެ.
އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ރާއްޖޭގައި ދީނީ ހޭލުންތެރިކަން ކުރިއެރުވުމަށް އިލްމްވެރިން ހޯދާފައިވާ މިނިވަންކަން ހަނިކޮށް ނުވަތަ ނިގުޅައިގަތުމަށް މަސައްކަތްކޮށް އިލްމުވެރިން ފޯރުމަންދާ ނަސޭހަތާއި އިރުޝާދުތަކުގެ ދޭތެރެއަށް ހުރަހަކަށް އެއުރެން ވަންނަމުންދާކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް ސަލަފްގެ ބަޔާނުގައިވެ އެވެ.