އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރަކާއި ކޯސްޓްގާޑްގެ މަނަވަރެއް މާދަމާ މާލެ އަންނާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ރާއްޖޭގައި ހުރި އިންޑިއަން ހައިކޮމިޝަނުން މިއަދު ބުނީ މާދަމާ މާލެ އަންނާނީ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ޝާރުދާ އާއި ކޯސްޓްގާޑްގެ މަނަވަރު އައިޖީޖީއެސް ވަރޫނާ ކަމަށެވެ. އެ ދެ އުޅަނދަކީ ޓްރޭނިން ސްކުއަޑްރޯންގެ ތެރޭގައި ހިމެނޭ އުޅަނދުތައް ކަމަށާއި މާލެ އަންނަނީ ވެސް އެބޭނުމަށް ކަމަށް ހައިކޮމިޝަނުން ބުންޏެވެ. މިއީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް މިމަހުގެ ތެރޭގައި ރާއްޖެ އަންނަ ދެވަނަ ފަހަރެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ޚަންޖަރު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި އޮތެވެ. އެމަނަވަރު ރާއްޖެ އައީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާ ގުޅިގެން ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ހަރަކާތަކަށް ކަމަށް އިންޑިއާ އިން ބުންޏެވެ.

މާދަމާ މާލެ އަންނަ ދެއުޅަނދުގެ ތެރެއިން އައިއެންއެސް ޝާރުދާ އަކީ ބޭރު ކަނޑު ޕެޓްރޯލް ކުރުމުގައި ބޭނުން ކުރުމަށް އިންޑިއާގެ ކަނޑުގެ ސިފައިން ހަވަނަ އަށް ހޯދި އުޅަނދެވެ. އަދި އެއީ އިންޑިއާ މީހުން އަމިއްލަ އަށް ބަނދެފައިވާ އުޅަނދުތަކުގެ ތެރެއިން ތިންވަނަ އުޅަނދެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް މިމަހުގެ ތެރޭގައި ދެވަނަ ފަހަރު އަންނަ އިރު ރާއްޖޭގެ ރިޔާސީ އިންތިހާބާ ގުޅިގެން އިންޑިއާ އިން ވަނީ ބަޔާންތަކެއް ނެރެފަ އެވެ. އެގޮތުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުން މުހިއްމު ކަމަށެވެ.