25 Sep 2013, 22:16
އިންޑޮނޭޝިއާގެ ޕަލަންބަންގްގައި ކުރިއަށްދާ ތިން ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 800 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ އަހުމަދު ހަސަން އެއިވެންޓް އޭނާގެ ޕާސަނަލް ބެސްޓާ އެކު ނިންމައިފި އެވެ.
މިއަދު ރާއްޖޭ ގަޑިން 5:10ގައި ކުރިޔަށް ދިޔަ 800 މީޓަރު ދުވުމުގެ ތިން ވަނަ ހީޓްގައި ވާދަކޮށް ހަސަން ޕާސަނަލް ބެސްޓް ހަދާފައި ވަނީ 1މިނިޓް 59.04 ސިކުންތުން ދުވުން ނިންމައިގެންނެވެ. މި ހީޓް ހަސަން ނިންމާފައި ވަނީ ހަތް ވަނަ އަށެވެ.
މީގެ އިތުރުން ހަސަންގެ އިތުރުން 800 ދުވުމުގައި ވާދަކުރި ރާއްޖޭގެ ޝިފާޒް މުހައްމަދު ވެސް ދުވުން ނިންމާފައި ވަނީ ހަތް ވަނަ އަށެވެ. ޝިފާޒްގެ ދުވުން ސީޒަން ބެސްޓާ އެކު ނިންމާފައި ވަނީ 2 މިނިޓް 00.77 ސިކުންތުންނެވެ.
މިއަހަރު ހަސަން ރާއްޖެ އިން ބޭރުގައި ދުވެފައިވާ ވަގުތުތަކަށް ބަލާ އިރު ޖުލައި މަހު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެފައި ވަނީ 2 މިނިޓް 01.08 ސިކުންތުންނެވެ. އަދި ސެޕްޓެމްބަރު މަހު ލަންކާ ނެޝަނަލްގައި ދުވެފައި ވަނީ 2 މިނިޓް 01.01 ސިކުންތުންނެވެ.
ޝިފާޒްގެ ދުވުމުގެ ނަތީޖާތަކަށް ބަލާ އިރު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެފައި ވަނީ ދެމިނިޓް 02.91 ސިކުންތުންނެވެ.
ރާއްޖޭގެ އެތުލީޓުން ދެންވާދަކުރާނީ ފިރިހެނުންގެ 1500 މީޓަރު ދުވުމުގަ އެވެ. މިއިވެންޓު ކުރިއަށް ދާނީ މިމަހުގެ 28 ވަނަ ދު ވަހު އެވެ.
މި އަހަރުގެ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖެ އިން ބައިވެރި ވެފައި ވަނީ ތިން ކުޅިވަރަކުން ފަސް އެތުލީޓެކެވެ.
މުބާރާތުގައި ރާއްޖެ އިން ބައިވެރިވެފައިވާ ކުޅިވަރުތަކަކީ ސްވިމިން އާއި ބެޑްމިންޓަން އަދި އެތުލެޓިކްސް އެވެ.
މުބާރާތުގައި ވާދަކުރުމަށް އިންޑޮނީޝިއާ އަށް ފުރި ފަސް އެތުލީޓުންނާ އެކު ދެ އޮފިޝަލުން ވެސް ވަނީ ގޮސްފަ އެވެ.