25 Sep 2013, 22:10
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެންމެ ބޮޑު ކެމްޕަހުގެ ބިންގާ ލ. އަތޮޅު ގަމުގައި މިއަދު އަޅައިފި އެވެ. މިއަދު ހަވީރު އެ ކެމްޕަހުގައި ބިންގާ އަޅައިދިނީ ސާނަވީ ތައުލީމުދޭ މަދަރުސާތައް ތަމްސީލްކޮށްދޭ ދަރިވަރުންނެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ ޔުނިވާސިޓީ އިން މިއަދު ފެށި އެ މަޝްރޫއު ވެގެން ދާނީ ދުވަސްކޮޅެއް ފަހުން ދިވެހި ރާއްޖޭގެ މަތީ ތައުލީމަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ބިންގަލަކަށް ކަމަށެވެ.
"މި މަޝްރޫއު ވެގެންދާނީ މީގެ ދުވަސްކޮޅެއް ފަހުން ދިވެހި ރާއްޖޭގެ މަތީ ތައުލީމަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ކަމަކަށް،" ޑރ. ޒާހިރު ވިދާޅުވި އެވެ.
ހަމައެއާ އެކު އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ހައްދުންމަތީގެ ތަހުޒީބާއި ކުރިއެރުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ޑރ. ހަސަން ވިދާޅުވީ މިހާރު ވެސް ހުރި ވަގުތީ ކެމްޕަސްގެ ސަބަބުން 100 އަށް ވުރެ ގިނަ ކުދިންނަށް ކިޔެވުމަށް މަގު ފަހިވާ ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި ކެމްޕަސް މެދުވެރިކޮށް އަހަރެއްގެ މައްޗަށް ދެ މިލިއަން އެއްހާ ރުފިޔާ ރަށުގެ ތަރައްގީ އަށް ހަރަދުވާ ކަމަށެވެ. ހަމައެއާ އެކު ޔުނިވާސިޓީ އިން ފަށާއިފައިވާ މަޝްރީއުގެ ސަބަބުން އެދަދު އިތުރު ވާނެ ކަމަށް ވިދާޅުވި އެވެ.
ޔުނިވާސިޓީގެ އަލަށް އަޅާ ކެމްޕަހަކީ ގާތްގަނޑަކަށް 41 ހެކްޓަރުގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ކެމްޕަހެކެވެ. އަދި އެކެމްޕަހުގައި ޔުނިވާސިޓީގެ އެހެން ކެމްޕަސްތަކުގައި ހިންގާ ކޯސްތަކުގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމަށް ހާއްސަކޮށްގެން ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ގައުމީ ޔުނިވަސިޓީ އިން ބުންޏެވެ.