25 Sep 2013, 22:05
ރާއްޖޭގެ ހައްޖު ކޯޓާ އިން އުނިކޮށްފައިވާ 200 މީހުންނަށް އަލުން ހުއްދަދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އުނިކުރި 200 މީހުންނަށް ހުއްދަދޭން ސައުދީ ސަރުކާރުން ނިންމަވާފައިވާ ކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ފޭސްބުކް ޕޭޖްގަ އެވެ. އެކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ވަނީ ނުލިބިފަ އެވެ.
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ފުރަތަމަ ދިނީ 1000 މީހުންގެ ހައްޖު ކޯޓާއެކެވެ. އޭގެ ފަހުން އެކޯޓާ 800 މީހުންނަށް މަދުކުރުމަށް ސައުދީ ސަރުކާރުން ނިންމި އެވެ. އަދި 200 މީހަކަށް މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލުނީ އެހެންވެ އެވެ.
ކޯޓާ މަދުކުރުމަށް ސައުދީން އަންގާފައި ވަނީ މައްކާގެ ދެ ހަރަމްފުޅު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެގެން ކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ބުންޏެވެ. އަދި އެ ނޫން ގޮތެއް މިއަހަރު ނެތް ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް މިނިސްޓަރު ޑރ. ޝަހީމު އޭރު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން މި ކަހަލަ ކަންތައް ހައްލުކުރުމަށް. މިކަމަކީ މިނޫން ގޮތަކަށް މިފަހަރު ބަދަލުވެގެންދާނެ ކަމެއް ނޫން ކަމަށް ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން އަޅުގަނޑުމެނަށް ވަނީ އަންގާފައި."ޝަހީމު އޭރު ވިދާޅުވެފައިވެ އެވެ.