ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެމްޑީޕީގެ ފަރާތުން ތަދައްޚުލްވެފައި ވަނިކޮށް އެ ޕާޓީ ތަމްސީލުކުރެއްވި ހަސަން ލަތީފާއި އަދި އެ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމަށް އައްޔަނުކޮށްފައިވާ ހިސާން ހުސެން ސަސްޕެންޑްކޮށްފައި ވަނީ ގާނޫނާއި ޝަރީޢަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހަސަން ލަތީފާއި ހިސާން ހުސެއިން ސަސްޕެންޑްކޮށް ފިޔަވަޅުއެޅިކަން ސުޕްރީމް ކޯޓުން އެންގި ލިޔުމުގައި އެމްޑީޕީގެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލަކީ ޙަސަން ލަތީފު ކަމަށް ބުނެފައިވީ ނަމަވެސް އޭނާ އަކީ އެ ޕާޓީގެ ފަރާތުން ވަކާލަތު ކުރުމަށް ކަނޑައެޅި މީހެއް ނޫން ކަމަށެވެ.

އަދި އެއީ އެ މައްސަލާގައި އެ ޕާޓީ ތަމްސީލުކުރެއްވުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަމުން ދިޔަ ފަރާތް ކަމަށާއި ހިސާން ޙުސޭނަކީ އެ މައްސަލާގައި މި ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމަށް އައްޔަނުކޮށްފައިވާ ވަކީލް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޙަސަން ލަތީފަކީ މި ޕާޓީން އެ މައްސަލާގައި ވަކާލާތު ކުރެއްވުމަށް އައްޔަނުކޮށްފައިވާ ވަކީލެއް ނޫނެވެ. އެއާ ޚިލާފަށް އެބޭފުޅާއަކީ މި ޕާޓީ ތަމްސީލުކުރެއްވުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަމުން ދިޔަ ފަރާތެވެ. މިކަމުން ވެސް ދޭހަވަނީ ސުޕްރީމް ކޯޓުން މި މައްސަލާގައި އެމްޑީޕީ އާމެދުގައި ޒާތީ ތަފާތުކުރުންތަކެއް ގެންގުޅެމުން ދިޔަ ކަމެވެ."

ހަސަން ލަތީފާއި ހިސާން ހުސައިން ސަސްޕެންޑްކޮށް ފޮނުވި ނޯޓިސްގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ ބޭފުޅުން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގަ އާއި އާންމު މީޑިއާގައި ސުޕްރީމް ކޯޓުގެ ނިންމުމަށް ޗެލެންޖުކޮށް ފާޑުކިޔާފައިވާ ކަމަށެވެ.