ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލައިފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.

ހެކިބަސް ދެއްވަމުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑިރެކްޓަރު ފަރީދާ ޔޫސުފް ވިދާޅުވީ އެއްވެސް ދިވެހި ރައްޔިތަކަށް ދެ އައިޑީކާޑު ހަދައިދީފައި ނުވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ވަކީލު ޑރ. ހަސަން ސައީދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފަރީދާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން އެ ޑިޕާޓްމަންޓުގެ ޑޭޓާގެ ކޮޕީއެއް އެ ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އައިޑީކާޑުގައި ހިމެނިފައިވާ ހުރިހާ މައުލޫމާތެއް ބެލޭނެ ގޮތަށް ލައިވް ކަނެކްޝަނެއް އިލެކްޝަންސް ކޮމިޝަނަށް ދޫކޮށްފައިވާނެ ކަމަށެވެ.

ފަރީދާގެ ހެކިބަސް ނެގުމަށް ފަހު ޝަރީއަތުގެ މަޖިލީސް މެދުކަނޑާލުމަށް ފަހު ދެން ޝަރީއަތުގެ މަޖިލީސް ފަށާފައި ވަނީ 2:00 އެހައިކަންހާއިރު އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކުން ވެސް ވަނީ މައްސަލައާ ގުޅިގެން ދައްކަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ދައްކާފަ އެވެ.

ކުރިން ދެކެވިފައިވާ ވާހަކަތަކުގެ ޚުލާސާ ބަޔާނެއް ހުށަހަޅުއްވަމުން ޖުމްހޫރީ ޕާޓީގެ ވަކީލު ހަސަން ސައީދު ވިދާޅުވީ މަރުވެފައިވާ އެތަކެއް މީހުން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ހުށަހެޅި ހެކީންގެ ހެކިބަހުން 18 އަހަރު ނުވާ މީހުން ވޯޓުލާފައިވާކަން ސާބިތުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވޯޓުލީ ދުވަހު ކިޔުތަރުތީބު ކުރުމަށާއި ވޯޓުލީ މީހުންގެ އަދަދު އެނގޭނެ ގޮތަށް ގާއިމު ކުރި ބީޕީއާރްއެސް ސިސްޓަމަށް އޮފިޝަލުން ތަމްރީން ކުރެވިފައިނުވާކަން އެނގިގެންދާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސައިން ސިރާޖު ވިދާޅުވީ ބީޕީއާރްއެސް ސިސްޓަމްގެ މަސައްކަތް ކުރާނެ ގޮތުގެ ތަމްރީންތައް މުވައްޒަފުންނަށް ދީފައިވާ ކަމަށާއި ބައެއް އޮފިޝަލުންނަށް އެ ސިސްޓަމް އޮޕަރޭޓް ކުރަން ނޭގުމަކީ ތަމްރީން ނުދިނުން ކަމަށް ނުބެލެވޭނެ އެވެ. މިސާލު ދައްކަވައި ސިރާޖު ވަނީ ވަރަށް ތަފްސީލުކޮށް ޝަރީއަތަށް އެކަން އޮޅުންފިލުވައި ދެއްވި އެވެ.

ސިރާޖު ވިދާޅުވީ ޖުމްހޫރީ ޕާޓީން ހުށަހެޅި ހެކީންގެ ހެކިބަހުން މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓުލާފައިވާކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ހެކިތަކަށް ބަލާ އިރު އިންތިޚާބު ބާތިލު ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އިންތިޚާބު ބާތިލު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް ވެސް ސިރާޖު ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގަން ޖެހޭ އެންގުންތައް ޝަރީއަތުން އަންގައި ދިނުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ ޕީޕީއެމްގެ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވީ މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑެތި ޖިނާއީ ކުށްތައް ހިންގާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބެލެން ޖެހޭނެ ކަމަށް ވެސް ޒަނީން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވި އިރު އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް އޮންނާނެ ތާރީޚެއް އުއްތަމަފަނޑިޔާރު އިއުލާން ކުރައްވާފައެއް ނުވެ އެވެ.