25 Sep 2013, 18:22
ސުޕުރީމް ކޯޓުގެ ނިންމެވުންތަކަށް ހުރިހާ ފަރާތްތަކުން ވެސް ހުރުމަތްތެރިކޮށް ހިތުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ސުޕުރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހު ނިންމުންކަން ބުނެފައިވާ އިރު ސުޕުރީމް ކޯޓުގެ ނިންމުންތަކަށް އެންމެހާ ފަރާތްތަކުން ކިޔަމަންވެ ތަބާވުމަކީ ގާނޫނީ ލަޒިމެއް ކަމަށެވެ.
"ސުޕުރީމް ކޯޓުގެ ހުކުމްތަކާއި ނިންމުންތަކަށް އިއްތިރާޒުކޮށް ނުވަތަ އެ ކަންކަމާ މެދު ޝައްކު އުފައްދާ ނުވަތަ އެ ކަނންކަމާ ދެކޮޅަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެބަޔާނުގައި ބުނެފައި ވަނީ ސުޕުރީމް ކޯޓްއިން އަންގާފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކިޔަމަންތެރިވާން ޖެހޭނެ ކަމަށެވެ. އަދި ސުޕުރީމްކޯޓްގެ އަމުރަކާ ހިލާފަށް ކަމެއްކޮށްފި ނަމަ އެކަން ވެގެންވާނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިދާ ފަދަ ނުރައްކާތެރި އަދި ޣައިރު ގާނޫނީ އަމަލަކަށް ކަމަށް ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އަމުރާ ހިލާފަށް އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ނުނަގާނެ ކަމަށެވެ.