24 Nov 2010, 05:10
ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ޓޫރިޒަމް މޮނިސްޓަރު ކަމަށް އައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައިވާ އާދިލު ސަލީމާއި ޑރ. މަރިޔަމް ޒުލްފާގެ ނަންފުޅު ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވަވައިދެއްވީ އަމީން އާއްމު އަހްމަދު މުހައްމަދެވެ.
އަދި އެ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވުމަށްޓަކައި އެ ނަންފުޅުތައް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވީ ކަމަށެވެ.
ބައެއް ގައުމުގެތަކުގެ ނަން ރެޒިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވެވި ދެ ބޭފުޅެއްގެ ނަންފުޅު ވެސް މިއަދު ވަނީ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ޕާކިސްތާނުގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު، މ. އެމޭޒަން އައިޝަތު ޝެހެނާޒް އާދަމާއި ޕާކިސްތާނުގެ އިތުރަށް ތަޖަކިސްތާނާއި އުޒްބަކިސްތާނާއި އާޒަރުބައިޖާނާއި އުރުދުނަށް ކަނޑައަޅުވާ ރާއްޖޭގެ ނަން ރެޒިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށާއި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މ. އުތުރުގެ އަހްމަދު ހަމީދު، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ސައުތު ކޮރެޔާއަށް ކަނޑައަޅުއްވާ ނަން ރެޒިޑެންޓް ސަފީރު ކަމަށް ހަމަޖެއްސެވުމަށެވެ.