ވޯޓުލާ މީހުންގެ ލިސްޓު ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ނުގެންދިޔުމުގެ އަމުރަކަށް އެދި ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދާމް ވިދާޅުވީ ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ވޯޓުލާ މީހުންގެ ލިސްޓުގައި ހިމެނޭ މައްސަލަތައް ހައްލުކުރުމާއި އެކު އެ ލިސްޓަކީ އިންތިޚާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުން އިއްތިފާގުވާ ލިސްޓަކަށް ހެދުމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ.

ޒަނީން ވިދާޅުވީ ވޯޓު ކަރުދާސްތައް ޗާޕުކުރާ އިރު އާއި އަދި ވޯޓުލާ މަރުކަޒުތަކަށް ވޯޓު ކަރުދާސްތައް ގެންދާ އިރު ކެންޑިޑޭޓުންނަށް ފާރަވެރިވެވޭނެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެ މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މާދަމާ 2:00 އަށް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވާ ކަމަށް ވެސް ޒަނީން ވިދާޅުވި އެވެ.