ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމްހ ކޯޓުން ހުކުމް ކުރިފަހުން، އަތޮޅުތަކަށް ވޯޓް ފޮށިތައް ގެންދިއުމުގަ އާއި ވޯޓް ކަރުދާސްތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް އިލެކްޝްންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސަތާރު މިއަދު ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި އިންތިހާބާ ބެހޭ ގޮތުން އެކޮމިޝަނުން ވަމުންދާ ތައްޔާރީތައް މަޑުޖައްސާލުމަށް ނުވަތަ ނުކުރުމަށް ވެސް އަންގާފައިނުވާ އިރު އިންތިހާބްގެ ދެވަނަ ބުރުގެ ވޯޓަށް އެކޮމިޝަނުން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ނަމަވެސް އަތޮޅުތަކަށް ވޯޓް ފޮށިތައް ގެންދިއުމުގަ އާއި ވޯޓް ފޮށިތައް އަތޮޅުތަކަށް ގެންދިއުމުން އިންތިހާބުގެ ފުރަތަމަ ބުރުގައި ފުލުހުންގެ ފަރާތުން ލިބެމުން އައި އެއްބާރުލުން މިހާރު ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތަކަށް ވޯޓް ކަރުދާސްތައް ގެންދިއުމުގަ އާއި އެ ރަށްރަށުގައި ހުރި ވޯޓް ކަރުދާސްތަކުގެ ސަލާމަތީ ކަންތައްތައް ފުލުހުން ބަލަހައްޓަމުން ނުގެންދަވާ. ފުލުހުން ވިދާޅު ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވުމުގެ ގޮތުންނޭ އެކަން އެގޮތަށް ކުރައްވަނީ،" އާސިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ ރާއްޖޭގެ "ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ މައްޗަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު" ކުރާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ގާނޫނީ ގޮތުން ފުލުހުން ދޭން ޖެހޭ އެއްބާރުލުން ފުލުހުން ދެމުން އަންނަ ކަމަށެވެ. ނަމަވެސް ވޯޓް ކަރުދާސްތައް ގެންދިއުމުގަ އާއި އެ ކަރުދާސްތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ނުގެންދާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޮފިޝަލް ވިދާޅެއްނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަމުން ގެންދާ ތައްޔާރީތަކުގެ ތެރެއިން އިއްޔެ އާއި ހަމައަށް ހަތް އަތޮޅަށްކަށް އިލެކްޝަންސްގެ އޮފިޝަލުންނާ އެކު ވޯޓް ކަރުދާސްތައް ފޮނުވާފައިވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.