25 Sep 2013, 17:20
ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަންގަންދެން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފައި ވަނިކޮށް، އައްޑޫ ސިޓީގެ ހޯލުގައި އިންތިހާބާ ބެހޭ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ ޖުމްހޫރީ ޕާޓީން ނުރުހުން ފާޅުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ހިތަދޫ ގޮފީގެ ރައީސް ހުސެއިން ސޯލިހު މިއަދު ސަން އަށް ވިދާޅުވީ ސިޓީ ހޯލަށް ޖުމްހޫރީ ގުޅުމުގެ ސަޕޯޓަރުންތަކެއް ވަނީ 100 ޕަސެންޓް އެމްޑީޕީ ކައުންސިލަރުން ތިބި އައްޑޫ ސިޓީ ހޯލްގައި އެފަދަ ހަރަކާތަކެއް ކުރިއަށް ގެންދާތީ އާއި ވޯޓް ކަރުދާސްތައް ސިޓީ ހޯލްގައި ނުބަހައްޓައި އެއަށް ވުރެ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަން ބޮޑު ތަނެއްގައި ބަހައްޓައި ދިނުމަށް އެދި ކަމަށެވެ.
"ކުރިން ވެސް ކަންތައްތަކެއް ހިނގާފައި މިވަނީ. އެހެންވެ އެކަންތައްތައް ހިނގަމުންދާ ގޮތް ބަލަން އަޅުގަނޑުމެން ދިޔައީ. އަޅުގަނޑުމެން އެދުނީ ވީހާ ވެސް ރައްކާތެރިކޮށް އެކަންތައްތައް ކުރަން. ނަމަވެސް މިހާރު ވެސް އެ ކަންތައްތައް ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހޭތީ އިހުތިޖާޖް ކުރީ. އަޅުގަނޑުމެން އެންމެން ވެސް ބޭނުން ވަނީ ވޯޓް ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށުގައި ސްކޫލަށް ބަދަލުކުރަން. ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް އިންތިހާބު ބާއްވަން ބޭނުން ނުވާތީ އިހުތިޖާޖް ކުރީ،" ސޯލިހު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މިއަދު ސަން އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސްގެ އޮފިޝަލުންނަށް ސިޓީ ހޯލްގައި ޓްރެއިނިންގް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނިކޮށް، އެތަނުގެ ތެރެއަށް ބަޔަކު ވަދެ އެ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"ޓްރެއިނިންގް ޕްރޮގްރާމް ކުރިއަށް ދަނިކޮށް ބަޔަކު މީހުން އެތަނުގެ ތެރެއަށް ވަދެ، އަޑު ގަދަކޮށް މޭޒު މައްޗަށް އަރާ ހެދި، މިހާރު އެތަނުގައި ފުލުހުން އެބަ ހަރަކާތްތެރިވޭ،" ސޯބެ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހިތަދޫގައި ހުންނަ ސިޓީ ހޯލް ސަރަހައްދަށް ބަޔަކު އެއްވެގެން އުޅޭތީ އެސަރަހައްދުގައި ސަލަމާތީކަންތައްތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަނަށް ވަތް ބަޔަކު ހޯލުން ބޭރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
އެސަރަހައްދުގައި ހުރި ހިތަދޫ މީހަކު ބުނީ ސިޓީ ހޯލަށް ވަނީ ޖުމްހޫރީ ގުޅުމަށް ނިސްބަތްވާ ބައެއް ކަމަށެވެ. އެމީހުން އެތަނަށް ވަނުމާ ގުޅިގެން އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ވެސް ކައުންސިލް އިދާރާ ސަރަހައްދަށް އެއްވި ކަމަށާއި ނަމަވެސް މިހާރު ފުލުހުން އެސަރަހައްދު ބަންދުކޮށްފައި ވާތީ އެއްވެސް ބަޔަކު އެސަރަހައްދުގައި ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.