25 Sep 2013, 15:12
ދިވެހި ދައުލަތުގެ ސަފީރުގެ މަގާމުގައި ހުންނެވި ޢަބްދުލްޢަޒީޒް ޔޫސުފް (އަޒީ) މަގާމުން ރިޓަޔާވެވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެން، އެކަން ރައީސް މުހައްމަދު ވަހީދު މިއަދު ގަބޫލުފުޅު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އަޒީ ވަނީ ރައީސް އޮފީހުގައި ރައީސްއާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ރިޓަޔާމަންޓް ގަބޫލުފުޅު ކުރައްވައި، އެކަމުގެ ލިޔުން ހަވާލުކޮށްފައި ކަމަށެވެ. އަދި އެ ލިޔުން ހަވާލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އަޒީ ސަރުކާރަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް އެމަނިކުފާނުގެ އިހުލާސްތެރި ހިދުމަތް ލިބިވަޑައިގަންނަވަމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
ޢަބްދުލްޢަޒީޒް ޔޫސުފް، މިވޭތުވެދިޔަ 43 އަހަރަށް ވުރެ ދިގު މުއްދަތުގައި ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ވަނީ ޚިދްމަތް ކުރައްވައި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. ސަރުކާރުގެ ހިދުމަތް އޭނާ ފަށްޓަވާފައި ވަނީ، 19 ޑިސެމްބަރު 1968 ގައެވެ. އޭނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، ޕްރައިމް މިނިސްޓަރު އޮފީހުގެ ސެކްރެޓަރީ ކަމާއި ޝިޕިން ޑިޕާޓްމަންޓްގެ މެނޭޖަރު ކަމާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމާއި މިނިސްޓަރު އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމުގެ މަގާމާއި މިނިސްޓަރު އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަގާމު ހިމެނެއެވެ. އަދި ނ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައިވެ އެވެ.
އަބްދުލް އަޒީޒް ޔޫސުފް، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި ވަނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގަ އެވެ. ޚާރިޖީ ދާއިރާގައި ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވަކީލު ކަމުގެ މަގާމާއި ސީނިއާ އަންޑަ ސެކްރެޓަރީ ކަމުގެ މަގާމާއި ޑިރެކްޓަރު އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް ކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން، ސްރީލަންކާގައި ހުންނަވާ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމާއި އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމު ވެސް އެމަނިކުފާނު ފުރުއްވާފައިވެ އެވެ.