25 Sep 2013, 15:08
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް މުގައްރިރަކު ހޮވަމުށް މިއަދު ބޭއްވި ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މެންބަރުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ، އެމްޑީޕީއާ ދެކޮޅު މެންބަރުން އަޑުގަދަކޮށް ދެކޮޅު ހަދަމުން ދަނިކޮށް ކޮމެޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވައިފި އެވެ.
ކޮމެޓީގެ މުގައްރިރަކަށް ހޮވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރެވެ. އަދި ނާއިބު މުގައްރިރަކަށް ހޮވާފައި ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
ސަމީރު މުގައްރިރަކަށް ހޮވުމަށް ހަ މެންބަރަކު ވޯޓް ދެއްވާފައިވެ އެވެ. އަދި ރޮޒެއިނާ ނައިބް މުގައްރިރަކަށް ހޮވުމަށް ވެސް ހަ މެންބަރުން ވޯޓް ދެއްވާފައިވެ އެވެ. ސަމީރު މުގައްރަކަށް ހޮވުމަށް ނެގި ވޯޓުގައި އެމްޑީޕީ ކޯލިޝަންގައި ހިމެނޭ މެންބަރުން ނޫން ބަޔަކު ވޯޓެއް ނުދެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް މުގައްރިރަކާއި ނައިބް މުގައްރިރަކު ހޮވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ ކޮމެޓިގެ މުގައްރިރަކަށް ހުންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކޮމެޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ކުޑަހުހަވަދޫ ދާއިރާގެ އަހުމަދު އާމިރު ވަނީ ވިދާޅުވެފަ އެވެ. އަދި ކޮމެޓީ ބައްދަލުވުމަށް ގަވާއިދުގައިވާ ގޮތަށް ނޯޓިސް ނުދޭ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ކޮމެޓީ އަށް މުގައްރިރަކު ހޮވުމުގެ މަސައްކަތް މިއަދު ފެށިއު އިރު ވެސް ކޮމެޓީގައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެންޕޭން ލަވައެއް ޖަހާފަ އެވެ. އެ ކެންޕޭން ލަވަ ޖަހާފައި ވަނީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ.
ކޮމެޓީ ކުރިއަށް ގެންދަން ފެށުމުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އާއި ޕީޕީއެމްގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް އާއި އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ކޮމެޓީ ކުރިއަށް ގެންދަން ހުރަސް އަޅާފަ އެވެ. އަދި އަލީ އާރިފް ވަނީ ކަށިގަނޑަކުން ފުމެ އަޑުގަދަކޮށްފަ އެވެ. މީގެއިތުރުން ރިޔާޒް ރަޝީދު ވަނީ ކޮމެޓީގައި ބޭނުން ކުރާ މައިކް ސިސްޓަމްތަކަށް ގެއްލުންދީފަ އެވެ.
-------------
މި ހަބަރު ކުރިން ރިޕޯޓު ކުރި އިރު، ނާއިބު މުގައްރިރަކަށް ރޮޒޭނާ ހޮވުމަށް ޕީޕީއެމްގެ، ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު ވޯޓު ދެއްވި ކަމަށް ރިޕޯޓް ކުރެވިފައި ވަނީ އޮޅުމަކުންނެވެ. އޭނާ ވިދާޅުވީ ރޮޒޭނާ ހޮވުމަށް އޭނާ ވޯޓު ނުދެއްވާ ކަމަށެވެ.